ދުނިޔޭގެ ވިޔަފާރި

ކެނެޑާގެ އިޤްޠިޞާދަށް ކުރިއެރުންތަކެއް ލިބެން ފަށައިފި


ފަތުރުވެރިންނަށް ޚިދުމަތްދޭ ދާއިރާތައް ކުރިއަރައި، ކެނެޑާގެ އިޤްޠިޞާދަށް ކުރިއެރުންތަކެއް ލިބެން ފަށައިފިއެވެ.

ކެނެޑާގެ އިޤްޠިޞާދު ކުރިއަރާނެކަމަށް މާހިރުން ލަފާކޮށްފައިވާ 0.2 އިންސައްތައާ ޚިލާފަށް ޖުލައިމަހު އެޤައުމުގެ އިޤްޠިޞާދު ދަށަށް ދިޔައީ 0.1 އިންސައްތައަށެވެ. ނަމަވެސް ޚިދުމަތްދިނުމާއި އުފެއްދުންތެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުންތަކާއެކު އޯގަސްޓްމަހު އެ ޤައުމުގެ އިޤްޠީޞާދު އަނެއްކާވެސް 0.7 އިންސައްތައަށް ކުރިއަރާފައިވުމަކީ އެކަށިގެންވާކަމެއްކަމަށް އެ ޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިކަމާއި ބެހޭ ރަސްމީ ރިޕޯޓްތައް ނެރެފައި ނުވާއިރު، ކަމާއިބެހޭ ފަރާތްތަކުން މިހެން ބުނެފައި މިވަނީ ވަގުތީ އަންދާޒާތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ޚަބަރުތައް ބުނެއެވެ.

ކެނެޑާގެ އިޤްތިޞާދީ ދުވެލި ކުރިއަރާނެކަމަށް ލަފާކޮށްފައިވާއިރު، ކެނެޑާގެ އިޤްޠިޞާދީ ދުވެލި މިހާރު ހުރީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ހުރިވަރަށްވުރެ 1 އިންސައްތަ ދަށުގައެވެ.

ޖުލައިމަހު ކެނެޑާގެ އިޤްޠިޞާދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ދަނޑުވެރިކަމުގެ ސިނާޢަތާއި އުފެއްދުންތެރިކަމުގެ ސިނާއަތް އަދި އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަންކަމަށް ހަބަރުތައް ބުނެއެވެ.

ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުން އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުން ޚިދުމަތް ދިނުމާއި ފަތުރުވެރިކަމުގެ ސިނާޢަތް އޯގަސްޓްމަހު ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.