ޚަބަރު

އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް


މުޖުތަމަޢުން އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަނިޔާތަކުން އެމީހުން ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަމުގައި ދެކުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރު އިލްތިމާސްކުރައްވައިފިއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އއ.ފެރިދޫގައި ބޭއްވި ޖަލްސާގައި ސެޓޭޓް މިނިސްޓަރ ވަނީ ކޮންމެ މީހަކުވެސް އުމުރުން ދުވަސްވި މީހުންނާއި މުޢާމަލާތް ކުރާއިރު އޯގާތެރިކަމާއި އަޅާލުމާއެކު މުޢާމަލާތް ކުރުމަށް ނަސޭހަތްތެރިވެފައެވެ.

އއ. ފެރިދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސްޓޭޓް މިނިސްޓަރ ފަޒްނާ ވަނީ ޤައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ ޚިޔާލާއި ފިކުރު ހިމެނުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއްދީ އަޅާލުމަކީ މުޖުތަމުއުގެ ކޮންމެ މީހަކުވެސް ކުރުން މުހިއްމުކަމެއްކަން ފާހަގަކުރައްވާ އޭނާ ވަނީ ގޭތެރެއިން ފެށިގެން މުޖުތަމަޢުގެ ކަންކަމުގައި އުމުރުން ދުވަސްވީ މީހުން ޝާމިލްކުރުމަކީ ބަދަހި މުޖުތަމަޢުއެއް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ތެެރޭގައި އަދިވެސް މައިންބަފައިންނަށް އަޅާނުުލުމާއި އެއްކަހެރި ކުރުންފަދަ އަނިޔާތައް އުމުރުން ދުވަސްވީ މީހުންނަށް ލިބެމުންދާކަން ފާހަގަކުރައްވާ ފަޒްނާ ވަނީ މިއީ ހިތާމަކުރަންޖެހޭކަމެއްކަމަށާއި މިފަދަ ކަންކަން ހުއްޓުވުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަން ދެކެންޖެހޭކަމަށް ވިދާޅުވެފައެވެ.

"ޒުވާނުންގެ ޖީލު ބޭނުންކުރާ ވަޞީލަތްތަކަށް އުމުރުން ދުވަސްވީ މީހުން އަހުލުވެރި ކުރަން ޖެހޭ. އާއިލާތަކުންނާއި ކަމާ ގުޅެ މުއައްސަސާތަކުންވެސް މަސައްކަތް ކުރުމަކީވެސް މުހިއްމުކަމެއް. ޓެކްނޮލަޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން މަކާރާއި ހީލަތުން ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފާރަވެރިވެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ބޭނުންތެރިކަމެއް. ހުރިހާ އުމުރުފުރާއަކަށްވެސް ހަމަހަމަކަމާއެކު ޑިޖިޓަލް ވަޞީލަތްތަކުގެ ފަސޭހަކަން ހޯދައިދިނުމަކީ ބަވަނަވެފައިވާ ދުނިޔޭގައި މަޢުލޫމާތު ހޯދުމުގައާއި އާއިލީ ގުޅުންތައް ބަދހިކުރުމުގައިވެސް މުހުއްމު އެއްޗެއް." ފަޒްނާ ޝާކިރު ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް މިނިވަން މުޖުތަމަޢުއެއް ހޯދައދިނުމާއި ބައިވެރިވުން އިތުރުކުރުމަށްކުރާ މަސައްކަތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާ ބެހޭ ޤައުމީ ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ. މި ސިޔާސަތުގައިވާ ކަންކަން ތަންފީޒުކުރުމަށް އެކްޝަން ޕްލޭނެއް 2019 ވަނަ އަހަރުގައި ވަނީ އެކުލަވާލާފައއެވެ. އަދި ޖެންޑަރ މިނިސްޓްރީން އަންނަނީ ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާގައި ވަނީ އެމީހުންނަށް އެކި ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ. މީގެއިތުރުން މިދުވަސް ފާހަގަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ކަސްރަތު ޕްރޮގްރާމްއަކާއި ގުރައުންޑް ގޮލްފް ކުޅުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލް އަޤްވާމީ ދޮށި އުމުރުގެ މީހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު މިދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޑިޖިޓަލް އިކުއިޓީ ފޯރ އޯލް އޭޖް، ނުވަތަ ސުމޭކުގެ ހުރިހާ ފުރުޞަތު ހުރިހާ އުމުރަކަށް" މި ޝިއާރެވެ.