ޚަބަރު

މާއުނގޫދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފި


ށ. މާއުނގޫދޫގައި ޤާއިމްކުރަމުންދާ ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.
ހޮޅިވަޅުލުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކޮންނަން ފަށާފައިވަނީ އެރަށުގެ ބޮޑުމަގާއި ނިރޮޅުމަގު ގުޅުނު ކަންމަތިންނެވެ.

އާބާދީގައި އެގާރަ ސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅޭ ށ.މާއުނގޫދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލައަކީ ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމުގެ މައްސަލައެވެ. ޒަމާނުއްސުރެ އެރަށުގައި މިޚިދުމަތް ނެތުމުގެ ސަބަބުން ރައްޔިތުން އެކި ތަކުލީފްތަކާ ކުރިމަތިލާންޖެހެއެވެ.

މި މައްސަލައައް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އެރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއާ ވަނީ މިމަސައްކަތް ހަވާލުކޮށްފައެވެ. މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމުގެ ސަބަބުން އެރަށުގެ ފެން ވަރަށްބޮޑަށް ތަޣައްޔަރުވެފައިވަކަމަށެވެ. އަދި ރަށުގެ ރައްޔިތުން ގިނަބޭނުންތަކަށް ބިމުއަޑިން ފެން ނަގާކަމަށާ، މިފަދަ ނިޒާމެއް ނެތުމުގެ ސަބަބުން އެކިކަހަލަ ދަތިތަކާ ކުރިމަތިލާންޖެހޭކަމަށެވެ. ސަލީމް ވިދާޅުވީ މިމަސައްކަތް އެންމެ އަކަށީގެންވާ ސްޕީޑްގައި ކުރިއަށް ނުދާކަމަށެވެ. ނަމަވެސް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެ މަސައްކަތްތައް ހިނގާގޮތް ބައްލަވާލައްވައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މިހާރު ހަލުވި ސްޕީޑްގައި މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މާއުނގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު އެރަށައް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ފެނާއިނަރުދަމާ ނިޒާމުގެ ޚިދުމަތް ފޯރުކޮށްދޭ ޢިމާރާތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. މާއުނގޫދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ މިރަށުގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެބޮޑު އެއް މަޝްރޫޢެވެ.