ޚަބަރު

ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި މަޝްރޫޢުތައް ނިންމަން ޖެހޭ - އަމީރު


ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް މަޝްރޫޢުގެ ތަކުގެ މަސައްކަތްތަކާ ޙަވާލުވެފައިވާ ފަރާތްތަކަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ގޮވާލައްވައިފިއެވެ. މިނިސްޓަރ މިކަމަށް ގޮވާލެއްވީ ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަުގައި ކުރިއަށްގެންދާ އެކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނުނިމޭނަމަ މަޝްރޫއު މެނޭޖްމެންޓް ޔުނިޓް (ޕީއެމްޔޫ)ގައި ތިބޭ މުވައްޒަފުން ވަކިކޮށް، އާ މުވައްޒަފުންނަށް އެ މަޝްރޫއު ހިންގަން ޙަވާލު ކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ މަޝްރޫއުތައް ހިންގާއިރު މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެތެރެއިން ކަންކަން ކުރިއަށް ގެންދަން ޚާއްސަ އިސްކަމެއް ދެއްވާކަމަށާ، މަޝްރޫއުތައް ހިންގުމުގައި ވޯލްޑް ބޭންކްގެ ލަފަޔާ އެއްގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މަޝްރޫޢުތައް ލަސްވެ ހިންގުމުގައި އުޅޭ މީހުންނަށް ފިޔަވަޅެއް ނާޅާނަމަ އެ މީހުން ކޮންމެ މަހެއްގެ މުސާރަ ނަގައިގެން އެގޮތުގައި ތިބޭނެ. އަދި މިފަދަ ފިޔަވަޅުތައް އަޅައިފިނަމަ މަޝްރޫއު ހިންގަން ޙަވާލުކުރާ މީހުންނަށް އެކަމުގެ މުހިއްމުކަން ވިސްނޭނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއާއި ސްރީ ލަންކާއަށް ވޯލްޑް ބޭންކުން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ކިޔޯ ކަންޑާ ވިދާޅުވީ މިދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ދެ ގުނަ އިތުރު ކޮށްފައިވާކަމަށެވެ. މިގޮތުން ކޯވިޑް-19ގެ ސަބަބުން ރާއްްޖެއަށް ދޭ މާލީ އެހީތެރިކަން ކުރިއަށްވުރެ ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ވޯލްޑް ބޭންކުން ހަ މިލިއަން ޑޮލަރު ދޫކުރަމުން އައިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އަހަރަކަށް 40 މިލިއަން ޑޮލަރު ދޫކުރަން ފަށާފައިވާކަމަށް ކިޔޯ ކަންޑާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކުގެ އެހީގައި މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ތަރައްޤީގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ. ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު"ގައި ވަނީ މި މަޝްރޫއުތަކާ ގުޅޭ މަޝްވަރާތައްކޮށްފައެވެ.