ކޯވިޑް-19ގެ ދަތި ޙާލަތުން އަރައިގަތުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތަށް ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ ތަޢުރީފް ކުރައްވާފައިއެވެ.
ޒޫރަބް މިހެން ވިދާޅުވީ 15ވަނަ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ އޭޝިއާ އަދި ފެސިފިކް އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް އޮން ޓޫރިޒަމް ޕޮލިސީ އެންޑް ސްޓްރެޓަޖީ ހުޅުވުމުގެ ރަސްމިއްޔާރުގައެވެ.
މި ބައްދަަލުވުން ކުރިއަށްދަނީ ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާގެވެ. މިއީ މިމަހުގެ 5އިން 7ގެ ނިޔަލަށް ކުރިއަށްދާ ބައްދަލުވުމެކެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ އަދި ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމެވެ. މި ޓްރެއިނިންގ ޕްރޮގްރާމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ވަނީ ކޯވިޑް-19ގެ ދަތި ޙާލަތުން އަރައިގަތުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތަށް ތަޢުރީފް ކުރައްވައި ދުނިޔޭގެ ފަތުރުވެރިކަން ކުރިއެރުމަށްޓަކައި ރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ އިސްވެރިން ކުރަމުންދާ މަސައްކަތްތަށް ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމްގެ ވާހަކަފުޅުގައިވަނީ ރާއްޖޭ ޓޫރިޒަމް ޕްރޮޑަކްޓް "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓުގެ ސަބަބުން އެހެން ޤައުމުތަކާ ވާދަކުރުމުގައި ލިބޭ ބޮޑެތި ފައިދާތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެހެން މާރކެޓްތައް ރާއްޖެއަށް ގެނައުމަށްޓަކައި ޓޫރިޒަމް ސިންދަފާތުކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއިއެކު، ރަށުފަތުރުވެރިކަން ކުރިއަރުވައި މާކެޓް ކުރުމުގެ މިޙިންމުކަމުގެ މައްޗަށް މިނިސްޓަރ މަޢުސޫމް ފާހަކަފުޅުދެއްކެވިއެވެ.
ހައިބްރިޑް ފޯމެޓަށް ކުރިއަށް ގެންދާ މި ޓްރެއިނިންގް ޕްރޮގްރާމްގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ އޭޝިއާ އަދި ޕެސިފިކްގެ 7 ޤައުމަކުން 11 ބައިވެރިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. އަދި 18 ޤައުމަކުން 37 ބައިވެރިން އޮންލައިންކޮށް ބައިވެރިވެއެވެ.