ކުޅިވަރު

ވަރުގަދަ އިންޑިއާ އަށް ލަންކާ ކައިރިންވެސް މޮޅުނުވެވި، ޕްރެޝަރަށް


އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިއަދު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މުބާރާތުގެ އެންމެ ވަރުގަދަކަމަށް ބެލެވުނު އިންޑިއާއަށް، ސްރީލަންކާ އަތުން މޮޅުނުވެވި ޕްރެޝަރަށް ވެއްޓިއްޖެއެވެ.

މިއަދު މެޗާއި ކުރިމަތިލިއިރު، މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް މޮޅުވެފައި ނުވާ ލަންކާއަތުން އިންޑިއާ ފަސޭހަ ކަމާއިއެކު މޮޅުވާނެކަމަށް ގިނަ ބަޔަކު ދެކުނެވެ. ނަމަވެސް މެޗުގައި އިންޑިއާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ދެކޮޅަށް ކުޅުނު މެޗަށްވުރެ ވެސް އާދައިގެ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު، ރަނގަޅު ކުޅުމެއްވެސް ކުޅެވިފައިނުވެއެވެ.

ދެވަނަ ހާފް އިންޑިއާއިން ފެށީ ޓީމު ވަރަށް ބޮޑަށް ކުރިއަށް ޖައްސައި، ގޯލެއް ޖެހުމަށެވެ. އިންޑިއާގެ ފަރާތުން ގިނަ ހަމަލާތަކެއް ލަންކާގެ ގޯލަށް އަމާޒު ކުރިމަނަމަވެސް އެއްވެސް ބޯޅައެއް ގޯލަކަށް ހަދާލެވޭ ގޮތެއް ނުވިއެވެ. މެޗުގައި އެންމެ ހުސް ފުރުސަތެއް ލިބިފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނެޓަށް ވެފައި ވަނިކޮށް، އިންޑިއާށް ލިބުު ކޯނަރެއްގައި ޑިފެންޑަރު ޝުބަޝިޝް އަށެވެ. ނަމަވެސް އޭނާގެ ފައިގައި ބޯޅަ ރަނގަޅަށް ލައްވާނުލުމުން ގޯލުގެ މާމަތިން ބޯޅަ ދިޔައި ބޭރަށެވެ.

މެޗުގައި ލަންކާއިން ކެޅެފައިވަނީ ވަރަށް ލަސްކުޅުމެވެ. މިކަމާއި ހިތްހަމަނުޖެހި އިންޑިއާ ކޯޗު ހިތްހަމަ ނުޖެހުމުން އޭނާއަށް ރެފްރީ ވަނީ ރީނދޫ ކާޑުވެސް ދައްކާފައެވެ. މެޗުގައި އިންޑިއާގެ ތަޖުރިބާކާރު ފޯވާޑު ސުނިލް ޗެތުރީއަށްވެސް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވެއެވެ. މިއަދުގެ މެޗުން އެއްވަރުވުމުން އިންޑިއާއަށްވަނީ މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އިންޑިއާއަށް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

އިންޑިއާށް ކުރިއަށް އޮތް ދެ މެޗަކީ ނޭޕާލާއި، ރާއްޖެއާއި ދެކޮޅަށް ކުޅޭމެޗެވެ. މިއަދު އިންޑިއާއާއި ވާދަކުރި ލަންކާ އަދި މިމުބާރުގެ އެއްވެސް މެޗަކުން މޮޅުވެފައިނުވެއެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކީ ލަންކާވަނީ ޓޭބަލްގެ 4 ވަނައަށް ޖެހިލާފައެވެ. މިމުބާރުގެ އެއްވަނައިގައި މިހާރު އޮތީ ކުޅުނު 2 މެޗް ކާމިޔާބުކޮށްގެން ނޭޕާލެވެ. ދެވަނައިގައި، ބަންގްލަދޭޝް އޮތްއިރު، އިންޑިއާއޮތީ ތިން ވަނައިގައެވެ.

މިމުބާރާތުގައި މިރޭ ރާޢްޖެ ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. މިއީ ރާއްޖެއަށްވެސް މިމުބާރާތުގެ ފައިނަލަށް ދިއުމަށް މޮޅުވާން މަޖުބޫރުމެޗެކެވެ. މިމެޗު ފަށާނީ މިރޭ 9 ޖަހާއިރުއެވެ.