އިންޑިއާގެ އެންމެ ބޮޑު ކުންފުންނި، ޓާޓާއަށް ގައުމީ އެއަރލައިން އެއަރ އިންޑިއާ ވިއްކާލައިފި އެވެ. އެއަރ އިންޑިއާ ހިންގާފައިވަނީ ގެއްލުމާ އެކުގައެވެ.
ޓާޓާއަށް އެއަރ އިންޑިއާ ވިއްކާލާފައިވަނީ އެންމެ ބޮޑު އަގެއް ހުށައެޅީ އެ ކުންފުނިން ކަމަށްވާތީއެވެ. ޓާޓާއިން ހުށައަޅާފައިވަނީ 2.4 ބިލިއަން ޑޮލަރެވެ.
އެއަރ އިންޑިއާ ވިއްކާލަން އެ ގައުމުގެ ސަރުކާރުން މަސައްކަތްކުރާތާ އެތައް އަހަރެއްވަނީ ވެފައެވެ. އެއަރލައިނުގެ ދަރަނި 9.5 ބިލިއަން ޑޮލަރަށް އަރައެވެ. އެއަރލައިނަށް ގެއްލުމާއި ކުރިމަތިވި ސަބަބެއް ކަމަށް އެ އެއަރލައިނުން ބުނީ އޭވިއޭޝަން ފިއުލްގެ އަގުބޮޑުވުމާއި އެއަރޕޯޓް ޗާޖްތައް ބޮޑުވުމާއި ބަޖެޓް އެއަރލައިންތަކުގެ ވާދަވެރިކަން ބޮޑުވުމާ ރުޕީސްގެ އަގު ވެއްޓުމުގެ ސަބަބުން ކަމަށެވެ.
އެއަރ އިންޑިއާގައި ހިމެނޭ 130 މަތިންދާބޯޓުގެ އިތުރުން 4،400 ޑޮމެސްޓިކް އަދި 1،800 އިންޓަނޭޝަނަލް ލޭންޑިން އަދި ޕާކިން ސްލޮޓްތައް އެއެއަރލައިން ގަންނަ ބަޔަކަށް ލިބޭނެ އެވެ. އެއަރލައިނުގެ އާމްދަނީގެ ތިން ބައިކުޅަ ދެބައި ލިބެނީ އިންޓަރނޭޝަނަލް އޮޕަރޭޝަންތަކުންނެވެ. އެއަރ އިންޑިއާގެ ފިކްސްޑް އެސެޓުގެ އަގު ވެސް މިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ އިތުރުން ތަމްރީނުކޮށްފައިވާ އެތައް ހާސް ޕައިލެޓުންނާއި ކްރޫން ހިމެނެ އެވެ.
ޓާޓާ ސަންސް އިން މިހާރު ވެސް ދެ އެއަރލައިނެއް ހިންގަ އެވެ. ވިސްޓާރާ ހިންގަނީ ސިންގަޕޫރު އެއަރލައިންސްއާ ގުޅިގެންނެވެ. އަދި އެއަރ އޭޝިއާ އިންޑިއާ ހިންގަނީ މެލޭޝިއާގެ ބަޖެޓް އެއަރލައިން އެއަރ އޭޝިއާ އާއި ޕާޓްނަރޝިޕް ހަދައިގެންނެވެ.