ޚަބަރު

ސަސްޕެންޝަން އުވާލުމުން މިނިސްޓަރ މަޚްލޫފް އޮފީހަށް


މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓު އަޙްމަދު މަޚްލޫފުގެ ސަސްޕެންޝަން އުވާލުމުން އޮފީހަށް ނިކުންނަން ފަށްޓަވައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިިނިސްޓަރ މަޙްލޫފުގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދަޢުވާއަކާއި ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތަކުން އެކަހެރިކޮށްފައެވެ. މިނިސްޓަރ މަހުލޫފް ސަސްޕެންޝަނުގައި ހުންނަވާތާ މިއަދަށް މިވީ 4 މަސް ދުވަހެއެވެ.

މިނިސްޓަރ މަޙްލޫފްގެ ސަސްޕެންޝަން އުވާލުވުމާއި ގުޅިގެން މިއަދު ވަނީ ރަސްމީ މަސައްކަތަށް ނިކުންނަވާފައެވެ. އެގޮތުން މިއަދު ހެނދުނު ވަނީ ލަންކާގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަ ޕަކްސާ ރާއްޖެ ވަޑައިގަތުމުން ރިސީވް ކުރުމަށްވެސް ވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރިއަށްގެންދިޔަ ތަޙުޤީގާއި ގުޅޭގޮތުން އޭސީސީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަޙްމަދު މަޚްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި 2019ވަނަ އަހަރުގެ ކުރީކޮޅުވެސް މިނިސްޓަރ މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިކޮށްފައިވެއެވެ.

މިނިސްޓަރ މަޚުލޫފް ސަސްޕެންޝަނުގައި ހުންނެވި ނަމަވެސް އޮފީހުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ދިޔައީ ކުރައްވަމުންނެވެ. އަދި މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މަހުލޫފް ގެންދެވީ ވަރަށް ކައިރިން މަސައްކަތް ކުރައްވަމުންނެވެ. ރާއްޖެ ކުޅެ ކޮންމެ ދުވަހަކުވެސް މަހުލޫފް ދަނޑަށްވެސް ވަޑައިގެންފައިވެއެވެ.