ޚަބަރު

ހިޔާ ފްލެޓް ސަރަޙައްދުގައި ފުރަތަމަ ފިހާރަ ހުޅުވައިފި


ހިޔާ ފްލެޓް ސަރަޙައްދުގައި ފުރަތަމަ ފިހާރަ ހުޅުވައިފިއެވެ.

ހިޔާ ފްލެޓްތަކުގައި ހުޅުވި ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ ހިޔާގެ 12 ވަނަ ޓަވަރުގައެވެ.

އެޗްޑީސީން ބުނީ ފުރަތަމަ ހުޅުވި ފިހާރައިގެ ޚިދުމަތް މިއަދުން ފެށިގެން ލިބެމުންދާނޭކަމަށެވެ.

6000 އަށްވުރެ ގިނަ ޢާއިލާއަށް އަމާޒުކޮށް ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނުގައި ޢާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ވަޞީލަތްތައް އަދި ހަމައެއް ނުވެއެވެ. އެގޮތުން ޢާއްމުކޮށް ގެއަށް ބޭނުންވާ ބާވަތްތައް ވިއްކާ ފިހާރައެއްވެސް އަދި ބޭސްފަދަ ތަކެތި ގަތުމަށް ފާމަސީއެއްވެސް ނެތެވެ. މީގެއިތުރުން މިސްކިތާއި ސްކޫލެއްވެސް ނެތެވެ. ނަމަވެސް އެޗްޑީސީން މިހާރު ދަނީ އެކަންކަން ކުރަމުންނެވެ.

ހިޔާގެ 12 ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައި އެޗްސީޔޫ މާޓުގެ ނަމުގައި ހުޅުވި މި ފިހާރައަކީ ކާބޯތަކެއްޗާއި ގެއަށް ބޭނުންވާ އެކި ބާވަތްތަކަށް ޚާއްސަކޮށް ހުޅުވި ސުޕަމާކެޓެކެވެ.

ފުރަތަމަ ސުޕަމާކެޓް މިހާރު ހުޅުވާފައިވާއިރު އިތުރު ފިހާރަތައްވެސް ކުރިއަށް އޮތްތަނުގައި ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން 3 ސުޕަމާކެޓް ހުޅުވުމަށް މިހާރު އެއްބަސްވުން އެކުލަވާލާފައިވާއިރު މީގެތެރެއިން 1 ފިހާރަ މިމަހު ހިޔާގެ 6 ވަނަޓަވަރުގައި ހުޅުވާނެކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

އެޗްޑީސީއިން ވިދާޅުވީ 12 ވަނަ ޓަވަރުގައި ޢާއްމު ކާބޯތަކެތި ވިއްކާ ފިހާރައެއް ހުޅުވުމަށާއި 15 ވަނަ ޓަވަރުގައި ކެފޭއެއް ހެދުމަށްވެސް މިހާރުވަނީ އެއްބަސްވެފައެވެ. އަދި 12 ވަނަ ޓަވަރުގައި ކްލިނިކަކާއި ކެފޭއަކާއި ފާމަސީއެއް ހެދުމަށް އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މީގެ އިތުރުން ހިޔާ ސަރަޙައްދުގެ އަމާން ބެލެހެއްޓުމަށް ފުލުހުންގެ ޕޯސްޓެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން 4 ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައި ފުލުހުންގެ ޕޯސްޓެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޑީސީން ވިދާޅުވެއެވެ.