މާލޭ ސިޓީގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހޮޓެލް ޖެންގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގައި ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަނާއެކު މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސިޓީ ކައުންސިލުން ސޮއިކުރެއްވީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މޫސާ އަލިމަނިކެވެ.
މި އެއްބަސްވުމަކީ މާލޭ ސިޓީގެ ކުރީގެ ކައުންސިލުން އާރް.ޑީ.ސީއާއެކު ޢަމަލީ މަސައްކަތް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މަޝްރޫޢުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެކެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި އެންމެ ބޮޑު ބަދަލެއްގެގޮތުގައި މަޝްރޫޢުގެ ތެރެއިން މާލޭގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީގެ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ މި މަޝްރޫޢަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާކަމެއްކަމުން ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށެވެ. އެގޮތުން ކުރިން މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތުން ސެގްމަންޓްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ވަރަށް ގިނަ ދުވަސް ހޭދަވާކަމަށާއި، ނަމަވެސް އެއްބަސްވުމަށް ގެނެވުނު ބަދަލާއެކު މާލޭގެ 105 މަގެއް 2 އަހަރު ދުވަހުގެ ތެރޭގައި ޒަމާނީ ފެންވަރަށް އެއްކޮށް ތަރައްޤީކުރެވިގެންދާނެކަމަށް މޭޔަރ ވިދާޅުވިއެވެ.
އާރް.ޑީ.ސީގެ އިތުރުން މި މަޝްރޫޢުގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ސްޓޭކް ހޯލްޑަރުންގެ ގޮތުގައި ބައިވެރިވާއިރު، އެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން މި މަޝްރޫޢަށް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މިހާ ބޮޑު މަޝްރޫޢެއް ފަށައިގެން ކުރިއަށްދާއިރު ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެކަން ޤަބޫލުފުޅުކުރައްވާކަމަށާއި، އެހެންނަމަވެސް ހުރިހާ ފަރާތްތަކަކުން ގުޅިގެން ކުރާ މަސައްކަތުން މިކަން ހަޤީޤަތަކަށް ހެދޭނެކަމަށް މޭޔަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވަރަށް ބާރަށް ވަރަށް އަވަސް ސްޕީޑެއްގައި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންގޮސް ރައްޔިތުން ބޭނުންވާ ޒަމާނީ މަގުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުން. މިއަދުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢު ނިމޭކަމަށްވަންޏާ އެއީ ހަޤީޤަތުގައި މުޅި މާލެ ސިޓީއަށް ބަލަންޏާ ގިނަ ތަކުލީފުތަކެއް ރައްޔިތުންނަށް ވަގުތީގޮތުން ދިމާވާނެކަމެއް. އެކި ސަރަޙައްދުގައި އެކި މަގުތައް ރޫޅާލާ ބަންދުކޮށްގެން ހަދަންޏާ އުނދަގޫތަކެއް ހުންނާނެ. ނަމަވެސް ރައްޔިތުންނާއި ގާތުން ރައްޔިތުން ބައިވެރިކޮށްގެން މިކަން ކުރާނަމަ ކާމިޔާބުވާނެ" މޭޔަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މޫސާ އަލިމަނިކު ވަނީ އެކުންފުނީގެ މަސައްކަތްތަކަށް އިތުބާރުކޮށް، މިފަދަ ބޮޑު މަޝްރޫޢެއް އެކުންފުންޏާ ގުޅިގެން ހިންގުމަށް ކައުންސިލުން ނިންމެވީތީ އެކަމަށް މަރުޚަބާ ވިދާޅުވެފައެވެ. އަދި ކައުންސިލުގެ އެދުމާއެއްގޮތަށް މި މަޝްރޫޢު ވީ އެންމެ ފުރިހަމަކޮށް ނިންމުމަަށްޓަކާއި އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަޝްރޫޢުގެ ކުރިއަށްދާއިރު ދިމާވާ އެކި އެކި މައްސަލަތައް ފާހަގަކޮށްދެއްވައި އެކަން ސަމާލުކަމަށް ގެނައުމުން އެކަންކަން އަޅުގަނޑުމެން އިސްލާޙުކުރާނަން. ރައްޔިތުންގެ މަންފާއަށް ކުރާ މިފަދަ މުހިއްމު މަސައްކަތްތަކަށް ކުންފުނީގެ އެއްބާރުލުން އަބަދުވެސް ލިބޭނެ" މޫސާ އަލިމަނިކު ވިދާޅުވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރުޢޫގެ ތެރެއިން މާލޭގެ ބޭރުމަގާއި އިތުރު 16 މަގެއްގައި ތާރުއަޅަން ނިންމާފައިވާއިރު، މި މަޝްރޫޢުގެ ތެރެއިން ދެން އެންމެ ބޮޑު ބަދަލެއް ފެންނިގެންދާނީ މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުންކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އެގޮތުން އެ ސަރަޙައްދުގެ ތޮށިގަނޑު ފެއަށްޖައްސާ، މަގުފުޅާކޮށް، އެ ސަރަޙައްދުގެ ތޮއްޖެހުން ހައްލުކޮށް ހިތްފަސޭހަކަން އިތުރުވެގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ހަމައެހެންމެ މި މަގުތައް ތަރައްޤީވެގެންދާނީ، ފެހިކަންގަދަ، އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެގޮތަށްކަމަށާއި، މި މަޝްރޫޢުގެ ތެރެއިން ވެހިކަލް ޕާކުކުރުމާއި، މުދާ އަރުވާ ބޭލުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.