ޚަބަރު

"ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްޤީކުރަން އެންމެ އެކަށޭނަ މަންޒިލް"


ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްޤީ ކުރުމަށް އެންމެ އެކަށޭނަ މަންޒިލް ކަމުގައި، އދ.ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ)ގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލި ވިދާޅުވެއްޖެއެވެ.

ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި، އޭނާވަނީ ޓޫރިޒަމް ތަރައްޤީ ކުރުމުގައި ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ދުނިޔެއަށް ޓޫރިޒަމަށް ހުޅުވާލި އަވަސްމިނާއި އެކަމުގައި ދިވެހިރާއްޖެއިން ގެންގުޅެފައިވާ ސިޔާސަތަށް އެމަނިކުފާނު ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ފަރާތުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ދެއްވާ ސަމާލުކަން ހާމަކުރައްވަމުން، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްޤީކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއްގެގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުންވަނީ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ފަރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މި ޒިޔާރަތުގައި، ދެ ބޭފުޅުން ވަނީ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށްޓަކައި މުސްތަޤްބަލުގައި ކުރެވެންހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މަޢުޞޫމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.