ޚަބަރު

ހިޔާ ފްލެޓް ސަރަހައްދަށް އަޅާފައިވާ ކުނިތައް ނަގައިފި


ހިޔާ ފްލެޓް ސަރަހައްދަށް އަޅާފައިވާ ކުނިތައް ނަގައި އެތަން އެއްކޮށް ސާފުކޮށްފިއެވެ.

ހިޔާ ފްލެޓްތަކަށް މީހުން ދިރިއުޅުން ބަދަލުކުރި ނަމަވެސް، މާލޭ ސަރަޙައްދުގައި ކުނި އުކާލުމުގެ ޚިދުމަތްދެމުން އަންނަ ވެމްކޯގެ ޚިދުމަތްތައް ޢާއްމު އުސޫލުން ހިޔާގެ ޓަވަރުތަކަށް ފަށާފައެއް ނުވެއެވެ.

ހިޔާ ފްލެޓް ސަރަޙައްދުގައި އިމާރާތްކުރުމުގެ މަސައްކަތުގައި އުފެދޭ ކުނި އެޅުމަށް ޚާއްސަ ސަރަޙައްދުތަކެއް އެޗްޑީސީން ކަނޑައަޅާފައިވެއެވެ. ނަމަވެސް ހިޔާ ޓަވަރުގެ އެކި ސަރަޙައްދުތަކުގައި ގޭގޭގައި އުފައްދާ ކުނިވާޒާތުގެ ކުނި އެތަނުގައި ބަހައްޓަމުންދާތީ، އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯ ގުޅިގެން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން 7 ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް އަޅާފައިވާ ކުނިތައް އެއްކޮށް ނަގައި އެ ސަރަހައްދު ވަނީ ސާފުކޮށްފައެވެ. އެޗްޑީސީން ވިދާޅުވީ މީގެ ފަހުން މަދުވެގެން ދުވާލަކު އެެއްފަހަރު ކުނި ނެގުމަށް ނިންމާފައިވާކަމަށެވެ.

އެޗްޑީސީން މިހާރުވެސް ވަނީ ހިޔާ ޓަވަރުތައް ހިމެނޭ 6 ސަރަޙައްދެއްގައި، ކުނިވާޒާތުގެ ކުނި އެޅުމަށް ޑަސްބިންތައް ބަހައްޓާފައެވެ. އެގޮތުން ކޮންމެ ސަރަޙައްދެއްގައި 5 ޑަސްބިނާއެކު ޖުމްލަ 30 ޑަސްބިން ވަނީ ބަހައްޓާފައެވެ.

ޑަސްބިން ބަހައްޓާފަވާ ސަރަޙައްދުތަކަކީ ހިޔާ-05، ހިޔާ-08، ހިޔާ-09، ހިޔާ-12، ހިޔާ-13 އަދި ހިޔާ-16 ޓަވަރު ހިމެނޭ ސަރަޙައްދެވެ. މި ޑަސްބިންތަކަށް އެއްކުރާ ކުނި، ވެމްކޯއިން ކޮންމެ ދުވަހަކުވެސް އުކާލާނެއެވެ. މިއީ ކުނީގެ މައްސަލަ ޙައްލުކުރުމަށް ވަގުތީގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.

ވެމްކޯއިން ވިދާޅުވީ ޢާއްމު އުސޫލާ އެއްގޮތަށް، ފްލެޓާ ހަމައިން ކުނި އުކާލުމުގެ ޚިދުމަތްދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާކަމަށެވެ.

އެޗްޑީސީން ވަނީ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެ ޓަވަރަކާ އެންމެ ގާތް ސަރަޙައްދެއްގަ ބަހައްޓާފައިވާ ޑަސްބިންތަކަށް ކުނި އަޅަމުން ދިއުމަށް އަންގަވާފައެވެ. މި ސަރަޙައްދުތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00އިން ފެށިގެން މެންދުރު 12:00ދެމެދުގެ ވަގުތުގައެވެ. އެހެންކަމުން ފްލެޓްގައި ދިރިއުޅޭ މީހުންނާއި މަސައްކަތް ކުރަމުންދާ މީހުން ގަޑިއަށް ސަމާލްކަންދީ ކަނޑައެޅިފަވާ ވަގުތުގެ ކުރިން ޑަސްބިންތަކަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އިލްތިމާސްކުރައްވާފައެވެ.