ޚަބަރު

ޓިކެޓް ގަތުމަށް ފޯރިގަދަ ފުރަތަމަ ޓިކެޓް ގަތީ 18 ގަޑިއިރު ކުރިން ކިއުޖެހުނު މީހަކު


އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ރާއްޖެއާއި އިންޑިއާ މާދަމާރޭ ކުޅޭ މެޗުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، ފުރަތަމަ ޓިކެޓް ގަނެފައިވަނީ މީގެ 18 ގަޑިއިރު ކުރިން ކިއުގައި ޖެހުނު މީހެއް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޓިކެޓް ވިއްކަމުންދަނީ މާފަންނު ޒުވާނުންގެ މަރުކަޒުންނެވެ. ޓިކެޓް ގަތުމަށް އެތައް ބަޔަކު ކިއުގައި ޖެހިފައިވާއިރު ވިއްކަމުންދަނީ ކޮންމެ މީހަކަށް 2 ޓިކެޓެވެ. ޓިކެޓް ގަތުމަށްޓަކައި ރެއިން ފެށިގެން ވަނީ ކިއު ހަދާފައެވެ. ސަޕޯޓް ކުރުމަށް ދިވެހި ޓީމު ކުޅޭ ކޮންމެ މެޗެއްގައި ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ކިއުގައި ޖެހިގެން ޓިކެޓް ހޯދުމަށް މަސައްކަތް ކުރެއެވެ.

މިމެޗަށް ވިއްކުމަށް ހަމަޖެހިފައިވަނީ 3،000 ޓިކެޓެވެ. ޓިކެޓް ވިއްކަން ފެށިތާ 1 ގަޑިއިރު ތެރޭގައި 1،000 އަށްވުރެ ގިނަ ޓިކެޓްވަނީ ވިކިފައެވެ. މިއަދަކީ ހޫނު ގަދަ ދުވަހަކަށް ވީނަމަވެސް ގަދަ ހޫނުގައިވެސް ކިއުގައި ތިބި މީހުން ތިބީ ޓިކެޓް ގަތުމަށް ކެތް މަދުވެފައެވެ.

ގަލޮޅު ދަނޑުގެ ހާތަލު އޮތް ގޮތުން މިވަގުތު އެދަނޑަށް ވަދެވެނީ 5000 މީހުންނަށެވެ. މިނިސްޓަރ މަހްލޫފު ވިދާޅުވީ ކުރިން ޓިކެޓު ގަތުމަށް ސަޕޯޓަރުން ކިއުގައި ގިނައިރުތަކެއް ހޭދަކުރަންޖެހުނު ނަމަވެސް، ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ޓިކެޓު ވިއްކުމުގެ އިންތިޒާމްތަކަށް ގެނައި ބަދަލާއެކު، ޓިކެޓު ކިއުގައި ސަޕޯޓަރުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށެވެ.