ޚަބަރު

"އަޅުގަނޑުގެ ސަލާމަތީ ކަންކަމާމެދު އެންމެބޮޑަށް ކަންބޮޑުވަނީ އަޅުގަނޑުގެ ދެދަރިން"


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު އެމަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެންމެ ބޮޑަށް ކަންބޮޑުވެ ސުވާލު އުފައްދަނީ އެމަނިކުފާނުގެ ދެ ދަރިކަނބަލުންކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިވަގުތު ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސަވާފައިވާ ހޮޓަލާއި، ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ގޮތާމެދު ބައެއް ފަރާތްތަކުން އެކި ސުވާލުތައް އުފައްދާކަމަށެވެ. ނަމަވެސް މިއީ އެމަނިކުފާނުވެސް އެންމެބޭނުންވާ ގޮތް ނޫންކަމަށާ، ބޭނުންފުޅުވަނީ އަމިއްލަ ގެކޮޅުގައި ހުންނެވުމަށް ކަމަށެވެ.

ނަމަވެސް ޙާލަތު ހުރިގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެމަނިކުފާނު އަމިއްލަފުޅު ގެކޮޅުގައި ހުންނެވުމަށް ޖާގަ ނުދޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެއެވެ. ބައެއް ތަންތަނަށް ވަޑައިގަންނަވާއިރު ސަލާމަތީ ކަންކަން ވަރުގަދަކޮށް ގިނަޢަދަދެއްގެ ސިފައިން ތިބޭތިބުމަކީ ކަންކަން ހިނގައިދިޔަ ގޮތުން ސަލާމަތީ ބާރުތަކުން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ދެދަރިކަނބަލުންވެސް ބޭނުންވަނީ ކިތަންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކުވެސް އެ ދެބޭފުޅުންގެ ބައްޕަގެ ސެކިއުރިޓީ ކަށަވަރު ކުރުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެނބުރި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ދުވަހެއް މިވަގުތު ދެންނެވޭކަށް ނެތްކަމަށެވެ. އެއީ ސަލާމަތީ ކަންކަން ހުރި ގޮތުން އެމައުލޫމާތު ހާމަކުރަން ސަލާމަތީ ބާރުތަކުން ހުއްދަ ނުދޭކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ބަލައިގަނެވޭ މަސައްކަތްތަކެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.