ޚަބަރު

މަޙުމޫދުގެ ޖަނާޒާ ބާއްވައިފި


އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި އިއްޔެ ފެނުނު އދ.ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފިއެވެ.

މަޙްމޫދުގެ ހަށިގަނޑު މާލެ ގެނެސް ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ޓެސްޓުތަކެއް ހަދާފައެވެ. މަޙުމޫދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު ދަނގެތީގައެވެ. ޖަނާޒާގެ ކުރިން ވަނީ މަހުމޫދުގެ މޫނު ދެއްކުންވެސް ކުރިއަށް ގެންގޮސްފައެވެ.

ދަނގެތީގައި މަރާލާފައި ފަޅުވަޅަކަށް އެއްލާލާފައި އޮއްވައި މަޙުމޫދުގެ ހަށިގަނޑު ފެނުނީ ގެއްލިގެން ހޯދަމުންދަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. މަޙުމޫދުގެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބެލުމަށް ދަނގެއްޗަށް ފުލުހުންގެ ފޮރެންސިކް ޓީމް ދިޔައީ ރޭ 08:30ހާއިރުއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާގޮތުގައި މަހްމޫދުގެ ހަށިގަނޑުގައި، ވަޅިން ހަލަމާދީފައިވާ ނިޝާންތައް ހުއްޓެވެ. އަދި ވަޅުން ނެގިއިރުވެސް ލޭގެ އަސަރު ވަރަށްބޮޑަށް ހުއްޓެވެ. މަޙުމޫދަށް ޙަމަލާދޭން ބޭނުންކުރިކަމަށް ޝައްކުކުރެވޭ ބައެއް ތަކެތިވެސް، އޭނާ އެއްލާލާފައޮތް ވަޅުން ފެނިފައިވާކަމަށްވެއެވެ.

މި މަރުގެ ތަޙުޤީޤާގުޅޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.

ނަމަވެސް މަޙުމޫދު މަރާލިކަމަށް، ރަށުގެ ރައްޔިތުން ޝައްކުކުރާ 3 މީހަކު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 2 ފިރިހެނުންނާ އަންހެނެކެވެ. މި 3 މީހުން އަދިވެސް ތިބީ ދަނގެތީ ފުލުހުންގެ ބެލުމުގެދަށުގައެވެ.

މިހާތަނަށް ފުލުހުން އެއްވެސް މަޢުލޫމާތެއް ހާމަކުރައްވާފައި ނުވިނަމަވެސް، ރަށުގެ ރައްޔިތުން ބުނަނީ މަޙުމޫދު މަރާލިކަމަށް ބެލެވެނީ ފައިސާގެ ބޭނުމުގަކަމަށެވެ. އެގޮތުން އޭނާއަކީ ރަށުގައި ގޭހާއި ކާޑުގެ ވިޔަފާރިކުރުމާއި، ޑައިވިންގ 2 ދޯންޏާއި އަދި ކެފޭއެއްވެސް ހިންގާ މީހެކެވެ. ރަށުގެ ރައްޔިތުން ބުނަނީ މަޙުމޫދަކީ ރަށުގެ ރައްޔިތުންނާ ގުޅޭ، ހިތްހެޔޮ އެކުވެރިއެއްކަމަށެވެ. އަދި އެއްވެސް މީހަކާ މައްސަލަޖެހި، ފައިސާގެ މައްސަލައެއްގައިވެސް އުޅޭ މީހުން ނޫންކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ.

މަޙުމޫދު އެންމެ ފަހުން ފެނުނުކަމަށް ބުނަނީ ބުދަ ދުވަހުގެ ރޭ، ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި އިންޑިއާ ކުޅުނު މެޗު ބެލުމަށްފަހު އޭނާ ހިންގާ ކެފޭއިން ނިކުމެގެން ދަނިކޮށެވެ. އޭނާގެ ހިލަމެއް ނުވެގެން ހޯދަންފެށީ ބުރާސްފަތިދުވަހުގެ ހެނދުނު، އޭނާ ގެއަށް ސައިބޯން ނައުމުންނެވެ.