ވިޔަފާރި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް


ރާއްޖެއަށް މިހާރު 5 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކީ ސައުދީ އަރަބިއްޔާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑްގެ މިހާލަތުގައި ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް އިތުރުވެފައިވާ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މީގެ މަސް ދުވަސްކުރިން އެޤައުމު އޮތީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ.

އެގޮތުން އޭރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ 5 ޤައުމަކީ، އިންޑިއާ، ރަޝިއާ، ޖަރުމަނީ، އެމެރިކާ އަދި ޔޫކްރެއިންނެވެ. އޭރު ސައުދީ އަރަބިއްޔާ އަކީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ.

އެހެން ނަމަވެސް ޔޫކްރެއިން ފަހަތަށް ޖައްސާލުމަށްފަހު ރާއްޖެއަށް ފަސްވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް ސައުދީ އަރަބިއްޔާ މިހާރުވަނީ ވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 31443 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއަދަދަކީ ކޯވިޑްގެ ކުރިން 2019ވަނަ އަހަރު ރާއްޖެއަށް އެޤައުމުން ފަތުރުވެރިން އަންނަމުން ދިޔަ އަދަދާއި އަޅާ ބަލާއިރުވެސް އިތުރު އަދަދެކެވެ. 2019ވަނަ އަހަރުތެރޭ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އައިސްފައިވަނީ 25865 ފަތުރުވެރިންނެވެ. އޭރު އެޤައުމަކީ ރާއްޖެއަށް 15ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، އެޤައުމުގެ ޤައުމީ އެއަރލައިން ސައުދިއާގެ ޝެޑިއުލް ދަތުރުތައް ދަނީ ރާއްޖެއަށް ބާއްވަމުންނެވެ. އެގޮތުން ސައުދީގެ ރިއާޛުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް، ހަފްތާއަކު 4 ދަތުރު އެ އެއަރލައިނުންދަނީ ބާއްވަމުންނެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ވައިޑް ބޮޑީ އެއަރކްރާފްޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 923146 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 125 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 29.6 އިންސައްތަ ދަށް އަދަދެކެވެ.