ޚަބަރު

"މިއަދުވެސް ރާއްޖެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ"


މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ 2 އެލާޓެއްވެސް ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 7:30 އިން ހަވީރު 4:30 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހެނދުނު 8:30 އިން ހަވީރު 4:30 ހަމައަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.

މި ވަގުތުތަކުގައި ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށްވާރެވެހި ގުގުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންނަމަވެސް މިދުވަސްކޮޅު ރާއްޖޭގެ ބޮޑުބަޔަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ އުތުރާއި ދެކުނުގައި އުފެދިފައިވާ 2 ސަރކިއުލޭޝަނެއްގެ ސަބަބުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ވައިމަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. ކުރިއަށްއޮތް ދެ ދުވަހު ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ މެދުރާއްޖެތެރެއާއި، އުތުރުގެ އަތޮޅުތަކަށެވެ.

ރާއްޖޭގެ މޫސުން މިދުވަސްކޮޅު ގޯސްވެފައިވާއިރު، ހުކުރު ދުވަހުގެ ރެއިން ފެށިގެން މިއަދު ހެނދުނާއި ހަމައަށް މުޅި ރާއްޖެއަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އޮތީ ޔެލޯ އެލާޓްނެރެފައެވެ. މެޓް އޮފީހުގެ ރެކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭ އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑްކޮށްފައިވަނީ އއ. ހިމަންދޫއަށެވެ. އެރަށް 50.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. މީގެ އިތުރުން ބ. ދަރަވަންދޫއަށާއި، ކ. ގުރައިދޫއަށްވެސް ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.