ޚަބަރު

އިންތިޤާލީ އޮފީހުން 449 މައްސަލަ ބަލަނީ، ގިނައީ ބޯހިޔާވަހިކަމުގެ މައްސަލަތައް


އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 449 މައްސަލައެއް ބަލަން އެ އޮފީހުން ނިންމައިފިއެވެ. އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފެއްދު އޮފީހަށް މިހާތަނަށް 487 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހަށް ތަހުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ ހާދިސާތަކެވެ. ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ވެރިއެއް ފަރާތުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާއި ގުޅޭ ކޮންމެ މައްސަލައެއް އެ އޮފީހަށް ހުށައެޅޭނެއެވެ.

މައްސަލަތައް ހުށައެޅުމަށް މިިދިޔަ މަހުގެ 13ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި އެ އޮފީހަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަތަކެވެ. ބޯހިޔާވަހިކަމާއި ގުލޭ 172 މައްސަލައެއް އިންތިޤާލީ އިންސާފުގެ އޮފީހަށް ވަނީ ހުށައަޅާފައެވެ. ދެން އެންމެ ގިނައިން ހުށައަޅާފައިވަނީ މަސައްކަތް ކުރުމުގެ ޙައްޤާ ގުޅޭ މައްސަލަތަކެވެ. މި ބާވަތުގެ 156 މައްސަލައެއް ވަނީ ހުށައަޅާފައެވެ. ދެން ހުށައަޅާފައި ހުރި މައްސަލަތަކުގެ އަދުތައް ހުރީ ސަތޭކައިން ދަށުގައެވެ.

އިންތިޤާލީ އިންސާފު އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް:

- ބޯހިޔާވަހިކަމާ ގުޅޭ 172 މައްސަލަ
- މަސައްކަތް ކުރުމުގެ ޙައްޤާ ގުޅޭ 156 މައްސަލަ
- ޤާނޫނާ ޚިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމާ ގުޅޭ 44 މައްސަލަ
- އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތްކުރުމާ ގުޅޭ 26 މައްސަލަ
- ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލަ
- މުދާ ހޯދުމާއި މުދާ ގެންގުޅުމާ ގުޅޭ 12 މައްސަލަ
- އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމާ ގުޅޭ 09 މައްސަލަ
- އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްޤާ ގުޅޭގޮތުން 09 މައްސަލަ
- ޕެންޝަން ލިބުމުގެ ޙައްޤާ ގުޅޭ 07 މައްސަލަ
- މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭ 06 މައްސަލަ
- އުނގެނުމުގެ ޙައްޤާ ގުޅޭ 06 މައްސަލަ
- އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭ 06 މައްސަލަ
- އެހެނިހެން ދާއިރާތަކާ ގުޅޭ 10 މައްސަލަ

އިންތިޤާލީ އޮފީހަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 26 މައްސަލައެއް ނުބަލަން އެ އޮފީހުން ވަނީ ނިންމާފައެވެ. އޭގެތެރޭގައި އެހެން ކޮމިޝަނަކުން ބަލަމުންދާ މައްސަލައެއްވެސް ހިމެނެއެވެ. މީގެއިތުރުން 05 މައްސަލައެއް ޝަރުއީ މަރުހާލާގައި ކުރިޔަށްދާތީ ކޯޓްތަކުން އެ މައްސަލަތައް ނިމުމުން ހުށައެޅުމަށް ވަނީ އަންގާފައެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު ބުނާގޮތުން އެ އޮފީހަށް ހުށައަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުޤީގުކޮށް ނިންމަން ޖެހެއެވެ. އަދި އެ އޮފީހުން ނިންމާ މައްސަލައެއްގައި ޖިނާއީ ދައުވާކުރަން ޖެހޭނަމަ އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭނެއެވެ. އަދި މަދަނީ ދައުވާއެއް ނަމަ އެ މައްސަލައެއް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވަންޖެހޭނެއެވެ.

އިންތިޤާލީ އޮފީހުން ތަހުޤީގުކޮށް ނިންމާ ޕީޖީ އޮފީހާއި އޭޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި އެ އިދާރާތަކުން 21 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާ ކޯޓަށް ފޮނުވަންޖެހޭނެއެވެ. އަދި ކޯޓަކަށް މައްސަލަ ހުށައަޅައިފިނަމަ އެންމެ ގިނަ ވަގެން އެއް މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓުން ނިންމަންޖެހޭނެކަމަށްވެސް ޤާނޫނުގައިވެއެވެ.