ޚަބަރު

ބޯވަ ނަގަން އެކަނި ދިޔަ މީހަކު ވާދޫ ކަނޑުން އޮޔާދަނިކޮށް ސަލާމަތްކޮށްފި


މިއަދުގެ މިހާތަނަށް މާލެ ސަރަހައްދުގައި ނުރައްކާތެރި 2 ހާދިސާއެއް ހިގައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އެތަނުން އެއް ހާދިސާ އަކީ، އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާދިނިކޮށް ސަލާމަތް ކުރި ހާދިސާއެވެ. މި މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމުގައެވެ.

މިއަދު ހިނގި ދެވަނަ ހާދިސާ އަކީ މާރުކޭޓު ބޭރުތޮށިމަތީ މަސްބާނަން ތިބި 2 މީހުންގެ ތެރެއިން އެކަކު ތޮށިމަތިން ބޭރަށް ވެއްޓިގެން ހިނގި ހާދިސާއެވެ. މިހާދިސާގައި މޫދަށް ވެއްޓުނު މީހާ ވަނީ ސިފައިންގެ އެހީތެރިކަމާއެކު މޫދުން ނަގާ، ސީޕީއާރ ދީ، ޕޮލިހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލް އަށް ގެންގޮސްފައެވެ. ނަމަވެސް މިމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.

މިދުވަސްވަރަކީ ވަރަށް ކަނޑުގަދަވެ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ހަމައެހެންމެ ކަނޑާގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ ދަންނަވާފައެވެ.