ވިޔަފާރި

މާލެ އަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާލެ އަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމަހުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކ. ގާފަރުގައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ މި ހަފްލާގައި މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި، 35 އަހަރުން ދަށުގެ ކެޔޮޅަކާއި އެންމެ ތަޖުރިބާ، 35 އަހަރުން މަތީގެ ކެޔޮޅު ހޮވާ، އެދެފަރާތަށް ޚާއްސަ އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން މި އެވޯޑަށް ކުރިމަތިލުމަށް ފޯމް ހުށަހަޅަން ޖެހެއެވެ.

ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމާއި ކްރައިޓީރިއާ، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ. އަދި މި އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.