ދުނިޔޭގެ ވިޔަފާރި

މޫސުމީ މައްސަލަތަކުގެ އަސްލަކީވެސް، ހައްލަކީވެސް އިންޑިއާއާއި ޗައިނާ!


އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީ، އައިއީއޭގެ އެންމެފަހުގެ ވޯލްޑް އެނަރޖީ އައުޓްލުކް ރިޕޯޓް ދައްކާގޮތުން އެއް ކަމެއް ވަރަށް ބޮޑަށް ސާފުވެގެންދެއެވެ. ތިމާވެށީގެ ގޮތުން ދުނިޔެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރަން ބޭނުންވާނަމަ އިންޑިއާއާއި ޗައިނާއިން ބޭނުންކުރާ ކޯލް ނުވަތަ ބޯޓު ދެލި މަދުކުރަން ވަރަށް ބޮޑެތި މަސައްކަތްތަކެއްކުރަންޖެހެއެވެ.

އައިއީއޭގެ ރިޕޯޓް ބުނާގޮތުން ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ކަންބަންޑައި އޮކްސައިޑުގެ 30 އިންސައްތަ ނުވަތަ އެންމެ ބޮޑު ބަޔަކީ ބޯޓު ދެލީގެ ސަބަބުން ބޭރުވާ ކަންބަންޑައި އޮކްސައިޑްއެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުން ދުނިޔެ ހޫނުވަމުންދާ ދުވެލި 2 ޑިގްރީ ސެލްސިއަސްއަށް ދަށްކުރުމަށް ބޭނުންވާނަމަ ބޯޓު ދެލި ބޭނުންކުރާ މިންވަރު މިހާރު ކަނޑައަޅާފައިވާ މިންވަރަށް ވުރެ ވަރަށް ބޮޑަށް މަދުކުރަންޖެހޭނެކަމަށެވެ.

އައިއީއޭގެ ރިޕޯޓްގައި ހަކަތަ ބޭނުންކުރާ މިންވަރު 2040 ވަނަ އަހަރާއި ހަމައަށް ދާއިރު ހުންނާނެ ގޮތުގެ ގުޅޭގޮތުން 3 ސިނާރިއޯއެއް ހަދާފައިވެއެވެ. އެއީ ކަރަންޓް ޕޮލިސީސް، ސްޓޭޓަޑް ޕޮލިސީސް އަދި ސަސްޓެއިނަބަލް ޑެވެލޮޕްމަންޓްގެ މައްޗަށް ހަދާފައިވާސިނާރިއޯތަކެކެވެ.

ކަރަންޓް ޕޮލިސީއަކީ މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށްވާއިރު، މީގެއިން އެންމެ މުހިއްމީ ސްޓޭޓަޑް ޕޮލިސީސް އަދި ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް ސިނާރިއޯއެވެ. މި ސިނާރިއޯތަކަކީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމާއި ގުޅޭގޮތުން ޤައުމުތަކުން އެކަށައަޅާފައިވާ ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސިނާރިއޯތަކެކެވެ.

2018 ވަނަ އަހަރު ޖައްވަށް ބޭރުވި ކާބަންޑައިއޮކްސައިޑްގެ ތެރެއިން 14.6 ބިލިއަން ޓަނަކީ ބޯޓު ދެލީގެ ސަބަބުން ބޭރުވި ކަންބަންޑައި އޮކްސައިޑެވެ.

ސްޓޭޓަޑް ޕޮލިސީއާ އެއްގޮތަށް ފިޔަވަޅުތައް އަޅައިފިނަމަ 2030 ވަނަ އަހަރާއި ހަމައަށް ދާއިރު ބޯޓު ދެލީގެ ސަބަބުން ޖައްވަށް ބޭރުވާ ކަންބަންޑައި އޮކްސައިޑް 14.3 ޓަނަށް އަދި 2040 ވަނަ އަހަރާއި ހަމައަށްދާއިރު 13.8 ބިލިއަން ޓަނަށް ދަށްވެގެންދާނެކަމަށް އައިއީއޭގެ ރިޕޯޓްގައިވެއެވެ. އަދި ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް ސިނާރިއޯއާ އެއްގޮތަށް ފިޔަވަޅު އަޅައިފިނަމަ 2030 ވަނަ އަހަރާއި ހަމައަށްދާއިރު 8.2 ޓަނަށް، އަދި 2040 ވަނަ އަހަރާއި ހަމައަށްދާއިރު 3.4 ބިލިއަނަށް ޓަނަށް ބޯޓު ދެލީގެ ސަބަބުން ޖައްވަށް ބޭރުވާ ކަންބަންޑައި އޮކްސައިޑް މަދުވެގެންދާނެކަމަށް އައިއީއޭގެ ރިޕޯޓްގައިވެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް ސިނާރިއޯއިން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރަން ބޭނުންވާނަމަ ބޯޓު ދެލި ނުވަތަ ކޯލްގެ ބޭނުންކުރާ އަދަދު ވަރަށް ބޮޑަށް މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވާންޖެހޭނެއެވެ.

ބޯޓު ދެލިން ހަކަތަ އުފައްދާ ޤައުމުތަކަށް ބަލާއިރު، މިކަމުގައި އެންމެ ކުރީގައި އުޅެނީ އިންޑިއާއާއި ޗައިނާއެވެ. އެހެންކަމުން މިކަމުގައި އެންމެ ބޮޑު މަސައްކަތެއްވެސް ކުރެވޭނީ އެ ދެ ޤައުމަށްކަމަށް ތަޖުރިބާކާރުން ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގައި ބޯޓު ދެލި އަންދައިގެން އުފައްދާ ހަކަތައިގެ 60 އިންސައްތައަކީ ޗައިނާއާއި އިންޑިއާއިން އުފައްދާ ހަކަތައެވެ. އެމެރިކާއިން 11.1 އިންސައްތަ މިކަމުގައި ހިއްސާކުރާއިރު، ޔޫރަޕުން ހިއްސާކުރަނީ 5.2 އިންސައްތައެވެ. ނަމަވެސް އަގުހެޔޮކޮށް ގޭސް ލިބުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާއެކު ޔޫރަޕާއި އެމެރިކާގައި ބޯޓު ދެލި އަންދާ މިންވަރު ދަނީ ދަށްވަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އައިއީއޭއިން ބުނާގޮތުން ސްޓޭޓަޑް ޕޮލިސީ ސިނާރިއޯއަށް ބަލައިފިނަމަ 2030 ވަނަ އަހަރާއި ހަމައަށްދާއިރު ޗައިނާއިން ބޭނުންކުރާ ބޯޓު ދެލީގެ މިންވަރު 2.83 ބިލިއަން ޓަނުން 2.57 ބިލިއަން ޓަނަށް މަދުވެގެންދާނެއެވެ. އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސިނާރިއޯގައި މިއަދުތައް 2030 ވަނަ އަހަރާ ހަމައަށްދާއިރު 2.07 ބިލިއަން ޓަނަށް، އަދި 2040 ވަނަ އަހަރާއި ހަމައަށްދާއިރު 1.15 ބިލިއަން ޓަނަށް މަދުކުރެވޭނެކަމަށް އައިއީއޭއިން ބުނެއެވެ.

އިންޑިއާއަށް ބަލާލާއިރު އެޤައުމުން ބޯޓު ދެލި ބޭނުންކުރާ މިންވަރު އިތުރުވެ، 2030 ވަނަ އަހަރާއި ހަމައަށް ދާއިރު 586 މިލިއަން ޓަނުން 938 މިލިއަން ޓަނަށް އިތުރުވާނޭކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 2040 ވަނަ އަހަރާއި ހަމައަށްދާއިރު މިއަދަދު 1.16 ބިލިއަން ޓަނަށް އަރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން އިންޑިއާއިން ވީ އެންމެ އަވަހަކަށް ބޯޓު ދެލި ބޭނުންކުރާ މިންވަރު ލިމިޓް ކުރަންޖެހޭއިރު، ޗައިނާއިން 2040 ވަނަ އަހަރާއި ހަމައަށްދާއިރު ބޯޓު ދެލި ބޭނުންކުރާ މިންވަރު 40 އިންސައްތަ މަދުކޮށްގެން ނޫނީ ލަނޑުދަނޑިތައް ހާސިލުނުކުރެވޭނެކަމަށް އައިއީއޭގެ ރިޕޯޓްގައިވެއެވެ.

މިބަދަލުތައް ގެންނަން ބޭނުންވާނަމަ އިންޑިއާއާއި ޗައިނާއިން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެންނަންޖެހޭނެއެވެ. މިއީ އިންޑިއާއާއި ޗައިނާއަށްވެސް އިޤްތިޞާދީގޮތުންނާއި ސިޔާސީގޮތުން އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް އިންޑިއާއިން މިކަމުގައި އުއްމީދީ މަންޒަރުތަކެއް ދަނީ ފެންނަމުންނެވެ. ބޯޓު ދެލި ބޭނުންކުރާ މިންވަރު ދަށްކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި ވައި ތަޣައްޔަރުވުމުގެ މައްސަލައަކީ އިންޑިއާއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމުން އެކަމުން ސަލާމަތްވުމަށްވެސް ބޯޓު ދެލި ބޭނުންކުރާ މިންވަރު މަދުވެގެންދާނެކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ.

ނަމަވެސް މިކަމުގައި ޗައިނާއަށް ހުރި ދަތިތައް ގިނަކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އެއީ އެޤައުމުގެ ބޯޓު ދެލި ސިނާއަތް ފުޅާވުމުގެ ސަބަބުންނާއި ހަކަތަ އުފެއްދުމަށް އެހެން ގޮތްތައް ހިޔާރުކުރަން ކުރަންޖެހޭ ހަރަދުތައް ބޮޑުވުމުންނެވެ.

އައިއީއޭއިން ބުނާގޮތުން ޗައިނާއަށް މިކަމުގައި ކުރެވިދާނެ ކަންތައްތަކެއް ހުއްޓަސް، އެކަންކަމަށް ސިޔާސީ މާބޮޑު ބާރެއް ނެތެވެ. ބޯޓު ދެލީގެ ބަދަލުގައި ޗައިނާއަށް އިއާދަކުރަނިވި ހަކަތައައި، ހައިޑްރޯ ނުވަޔަ ނުއިކްލިއަރ ހަކަތަވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ކަމެކެވެ. އަނެއްކޮޅުން ބޯޓު ދެލި އެކަށިގެންވާ އަދަދަކަށް މަދުކުރަން ބޭނުންވާނަމަ ޗައިނާއަށް ޖެހޭނީ ބޯޓު ދެލިން ހިންގާ ޕްލާންޓްތައް ބަންދުކުރާށެވެ. މިއީވެސް އިޤްތިޞާދީގޮތުން ޗައިނާއަށް ފަސޭހަކަމެއް ނޫނެވެ.

ކޮންމެއަކަސް އައިއޭއީގެ ރިޕޯޓުން އެނގޭކަމަކީ ބޯޓު ދެލި އެންދުން މަދުކޮށްގެން ނޫނީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވެން ނެތްކަމެވެ. އަދި މިކަމުގައި އިންޑިއާއާއި ޗައިނާއިން އަޅާ ފިޔަވަޅުތަކަކާއެކު ކާމިޔާބު ހާސިލުކުރެވޭނެކަން އެއީ ހަޤީގަތެއްކަންވެސް އެ ރިޕޯޓުން ހާމަވެއެވެ.