ޚަބަރު

އަމާޒަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެމީހަކު ހުރި ރަށަކުން ފަރުވާދިނުން: ރައީސް


ސަރުކާރުގެ އަމާޒަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، ޒުވާނުންގެ ދާއިރާއަށް ބަލާއިރު، އެންމެ ދުވަސްވީ މައްސަލައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް އަލުން އަނބުރާ މުޖްތަމަޢަށް ގެނައުމުގެ މައްސަލަ ކަމުގައެވެ.

"ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަށްޓަކައި މުޖުތަމަޢުގައި ތިބެގެން، ފަރުވާ ހޯދޭނެ ވަށާޖެހޭ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ޑްރަގުގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި، ޑްރަގުގެ ވަބާގައި 8 އަހަރުގެ ކުދިންވެސް ޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. ފާއިތުވެދިޔަ 2014 ވަނަ އަހަރަށް ބަލާއިރު ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުންގެ އުމުރަކީ 22 އާއި 37 އަހަރާއި ދެމެދު ކަމަށާއި ނަމަވެސް މިއަހަރު އުމުރު ފުރާއަށް ބަލާއިރު 17 އަަހަރާއި 68 އަހަރާއި ދެމެދު މީހުން މި ވަބާގައި ޖެހިފައިވާކަމަށް މިދިރާސާއިން ދައްކައެވެ.

ރާއްޖޭގައި ޑްރަގުގެ ވަބާ އޮތް މިންވަރުން ހާލަތު ބަދަލު ކުރުމަށް ކުރެވޭ މަސައްކަތަކީ މުޅި ރާއްޖޭގައި ވަރަށް ފުޅާކޮށް ހިންގުމަށް ނިންމާފައިވާ މަސައްކަތެއްކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ހެލްތު މިނިސްޓްރީން ވަނީ، މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ބޭނުންވާ މީހުންނަށް އެހީވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ޓީމްތަކެއް ނެގުމަށް ނިންމާފައެވެ. މި ޓީމްތަކަކީ މުޖުތަމަޢާ ގާތުން، އަދި މިފަދަ ވަބާތަކަށް ހުށައެޅުމުގެ ކުރިންވެސް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ޓްރެއިންކުރާ ޓީމްތަކެކެވެ. މި މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ހެލްތު މިނިސްޓްރީން ކުރިއަށްގެންދަމުންނެވެ.

އެގޮތުން މަސްތުވާތަކެތީގެ ޙާލަތު ހިމެނޭހެން އާއްމު ސިއްޙަތުގެ ކަންކަން ރަނގަޅުކުރުމަށް، ސިއްޙީ އެހީތެރިންގެ 3 މެންބަރުންގެ ޓީމެއް ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެކި އަތޮޅުތައް ހިމެނޭހެން 24 ކެންޑިޑޭޓުން ތަމްރީންކޮށް، އަތޮޅުތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް މިއަހަރުތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.