ޚަބަރު

ބަޖެޓު ހުށަހެޅުން އާދީއްތަ ދުވަހު


އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް އަންނަ ހަފްތާގެ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ. އަންނަ އަހަރަށް ލަފާކޮށް، 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ކަނޑައަޅާފައިވާއިރު، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުކަމަށެވެ. ޢާންމުކޮށް ބަޖެޓް މަޖިލީހަށް ފޮނުވުމަށްފަހު މިނިސްޓަރ ޕްރެޒެންޓް ކުރާގޮތަށް ކުރިން އޮތްނަމަވެސް މިއަހަރު ބަޖެޓް ހުށަހަޅާނީ މިނިސްޓަރ މަޖިލީހަށް ވަޑައިގެން ބަޖެޓް މަޖިލީހަށް ފޮނުވާ ދުވަހުކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ބަދަލުވެފައިވާ މާލީ ޙާލަތުގައި ދަރަންޏާއި މާލީ ޙާލަތު އެއް ހަމައެއްގައި ދެމެހެއްޓުންކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ 2022އިން 2024އަށް މިހާރު އަންދާޒާ ކޮށްފައިވާ ބަޖެޓުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަންނަ އަހަރަށް ޖުމްލަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފަައެވެ. އަދި މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބަޖެޓުގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ. އަދި ކެޕިޓަލް ޚަރަދަށް 10.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން އައު މަޝްރޫޢުތަކަށް މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިފަހަރު މިއަދަދު މިވަރަށް ކަނޑައަޅާފައިވަނީ ބަޖެޓުގައި މިއަށްވުރެ އިތުރަށް ޖާގަ ދެވެން ނެތިގެން ކަމަށެވެ. މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7.1 ބިލިއަން ރުފިޔާ ޙަރަދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކުރާނެއެވެ. މިގޮތަށް ޖުމްލަ 33.8 ބިލިއަން ރުފިޔާ ބަޖެޓު ޙަރަދުގެ ގޮތުގައި ހަމަޖެހިފައިވާއިރު ބަޖެޓު ބާކީ އަކީ ލޯން އަނބުރާ ދެއްކުމަށް ހިނގާ ޙަރަދެވެ.

އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 23.66 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އަނދާޒާކޮށްފައިވާއިރު ނިއު ރެވެނިއު މެޝާސް ނުވަތަ އާމްދަނީ ހޯދުމުގެ އައު ސިޔާސަތުތަކުން 1.3 ބިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރަށް ލަފާ ކޮށްފައިވާ ތަފާސް ހިސާބުތަަކަށް ބަލާއިރު އަހަރުވެސް ހުށަހަޅާނީ ދަރަނި ބަޖެޓެކެވެ. އެގޮތުން އަންނަ އަހަރު ޑެފިސިޓް 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެ އަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް މުހިއްމު ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒު ކުރުމަށް ވަނީ ނިންމާފައެވެ.