ކަޅުއޮށްފުންމީގެ ނަމޫނާއާ
އެއްގޮތަށް ބަނދެފައިވާ އުޅަނދު ރަސްމީގޮތުން މިއަދު މާލެ ގެންނަވައިފިއެވެ.
ދިވެހިރާއްޖެ މިޒަމާނުގައި
ދެކެމުން މިދާ މިނިވަންކަމަށް 50 އަހަރު ފުރުން މިއަހަރު ފާހަގަކުރަމުންދާ
މުނާސަބަތާ ގުޅުވައިގެން ބަނދެފައިވާ ކަޅުއޮށްފުންމި މާލޭ ބަނދަރަށް ކައިރި
ކުރިއިރު އެކި ޢުމުރުފުރާތަކުގެ އެތައް ބަޔަކު މާލޭ އުތުރު ފަރާތުން ޢިއްޒުންދީން
ފާލަން ކައިރިޔަށް އެއްވެ ތިއްބެވެ.
އުތީމު ތިންބެއިންނާއި
ދެހާޖީންނާއި ދަންޑެހެލު ޖިހާދުގެ ދަތުރުތައް ކުރެއްވި ކަޅުއޮށްފުންމީގެ ނަމޫނާއާ
އެއްގޮތަށް ބަނދެފައިވާ އުޅަނދު މާލޭގެ ބަދަރަށް ރަސްމީކޮށް ގެނައުމުގެ
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ހޯމް މނިސްޓަރ
ޢުމަރު ނަޞީރު ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ދިރާސާތަކުން އެނގުނުގޮތުގައި
ކަޅުއޮށްފުންމިއަކީ، ބާރު ދުވެއްޔަށް ފަހިކޮށް ބަނދެފައިވާ ހަމަލާދޭ އުޅަނދެއްކަން
ފާހަގަކުރެވުނުކަމަށާއި އެހެންކަމުން މި އުޅަނދު ބަނުމުގައި އެކަމަށް އިސްކަން
ދެއްވި ކަމަށެވެ.
މިރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ހޯމް މިނިސްޓަރުގެ ނާއިބު އަޙުމަދު ސަލީމް ވިދާޅުވީ، މި
އުޅަނދާއި، އުޅަނދާއި ގުޅިފައިވާ މަތިވެރި ޖިހާދުން މިއަދުގެ ކިޔަވާކުދިން މުހިންމު
ޢިބުރަތްތަކެއް ލިބެން ޖެހޭނެކަމަށެވެ.
ކަޅުއޮށްފުންމިއަކީ 16 ވަނަ
ޤަރުނުގައި ދިވެހި ރާއްޖެ އަޅުވެތިކޮށްގެން، އިސްލާމްދީން ދިވެހިރާއްޖެއިން
ފުހެލަން ކުރަމުން ދިޔަ މަސައްކަތް ނިމުމަކަށް ގެނައުމުގެ ޖިހާދުކުރެއްވި
އަބްޠާލުން އެކަމަށް ކުރެއްވި ދަތުރުތަކުގައި ބޭނުންކުރެއްވި ދިވެހިންގެ ޤަދަރު
ލިބިފައިވާ ތާރީޚީ އުޅަނދެކެވެ.
ދިވެހިރާއްޖެ ބޭރުގެ ބާރެއްގެ
އަޅުވެތިކަމުގައި އެންމެ ގިނަ ދުވަހު އޮތީ، މީގެ 400 އަށްވުރެ ގިނަ އަހަރު ކުރިން
16 ވަނަ ޤަރުނުގެ ތެރޭގައެވެ. ތާރީޚުން އެނގޭ ގޮތުގައި 17 އަހަރަށްވުރެ ގިނަ
ދުވަހަށް ދެމިގެން ދިޔަ މި އަޅުވެތިކަމުގައި ދިވެހިންނަށް ކުރިމަތިވި އެންމެ
ދެރަކަމަކީ، ދިވެހިން އަމިއްލައަށް އިޚްތިޔާރުކޮށް، އެ ދީނުގެ މަތީގައި
ސާބިތުވެތިބި މަތިވެރި އިސްލާމް ދީން ދޫކޮށްލަން މަޖުބޫރުކުރުވުމާއި އެކަން ގަދަބާރުން
ކުރުވަމުން ގެންދިއުމެވެ.
ހަތިޔާރުގެ ބާރުން ރާއްޖެ
އަޅުވެތިކޮށް، ދިވެހިންގެ ހުރިހާކަމެއް އެއަޅުވެތިކަމުގެ ކަސްތަޅުގައި އޮއްވައި،
ޕޯޗްގީޒުންގެ އަތްދަށުން ދިވެހި އިސްލާމުން ސަލާމަތް ކުރެއްވުމަށްޓަކައި، އިސްލާމް
ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ޖިހާދުކުރެއްވުމުގެ މަސައްކަތް ދިވެހި ޒުވާނުންކޮޅެއް
ފެއްޓެވިއެވެ. އެއީ އުތީމު ޣާޒީ މުޙައްމަދު ތަކުރުފާނާއި އެތަކުރުފާގެ
އަޚުންކަމުގައިވާ ދެ ބެއިން ހިމެނޭ ގޮތުން އޮތީމު ތިންބެއިންނާއި ތިމަރަފުށީ ދެ
ހާޖީންނާއި ދުވާފަރު ދަންޑެހެލެވެ. މި އަބުޠާލުން މި ޖިހާދުކުރެއްވީ އެކި
ރަށްރަށުން އެހީތެރިވި އެތައް ދިވެހި ދަރިންނެއްގެ ވާގިވެރިކަމާއެކުއެވެ. މިއީ
ދިވެހި ތާރީޚީ ލިޔުންތައް ބުނާ ގޮތެވެ.
އަނގަމަތި މަސްދޯންޏަކާ ވައްތަރު،
މި އުޅނދު ބަނދެފައިވަނީ، ލިޔެވިފައިވާ ބޮޑުތަކުރުފާނު ވާހަކައިގެ ތަފާތު އެކި
ފޮތްތައް ދިރާސާކުރައްވައި، އެ ލިޔުންތަކުން ކަޅުއޮއްފުންމީގެ ސިފައާ އެންމެ
އެގޮތް ހުރިހާ ކަމަކަށް ބައްލަވައިގެނެވެ. އުޅަނދު ބަނުމަށް ބޭނުންކުރެއްވި
މައިގަނޑު ލަކުޑިއަކީ ރުއްވަކަރެވެ. މިކަމަށް ރުއްކަނޑާފައިވަނީ އުޅަނދު
ބަނދެފައިވާ ހދ.ނޭކުރެންދޫގެ އިރުއަރާ ފަރާތުންނާއި އިރުއޮއްސޭ ފަރާތުން، ވަކި
ބައްޓަމަކަށް ހެދިފައިވާ ރުއް ފާހަގަކުރައްވައިގެނެވެ. އުޅަނދު ބަނދެފައިވަނީ
ދިވެހިންގެ ޒަމާންވީ ކިއްސަރު ވަޑާމުގެ އިހުގެ ވައްޓަފާޅި ދަންނަ ތަޖުރިބާކާރު
ވަޑިންނެވެ.
އުޅަނދުގެ ހަތަރެސްކަން
ފޮތިރިޔަލުގެ ފޮއްޗާއި ފެން ހަނދުގެ ރުނބާ ފިޔަވައި ޢާންމުކޮށް ފެންނަން ހުރީ
ދިވެހިން އުފައްދާ ދިވެހިރާއްޖެއިން ލިބެން ހުންނަ ތަކެތީގެ އުފެއްދުންތަކެވެ.
މި އުޅަނދަކީ، 51.6 ފޫޓް ދިގު
އުޅަނދެކެވެ. އުޅަނދުގައި 16 މަޑޫ ހިމެނެއެވެ.
މި އުޅަނދު
ފަރުމާކުރައްވާފައިވަނީ މިދާއިރާއިން ތަޢުލީމީ ޙާޟިލްކުރައްވައިގެން ހުންނެވި
ތަޖުރިބާކާރު ބޭފުޅެއްކަމަށްވާ އަޙުމަދު ވަޖީހުއެވެ.
މި އުޅަނދު ބަނުމަށް ބޭނުންވާ
ދިރާސާކުރުމާއި ބަނުމުގެ ޢަމަލީ މަސައްކަތުގައި އެންމެ މުހިންމު އެހީތެރިކަމަށް
ސަރުކާރަށް ދީފައިވަނީ މެރިޓައިމް އެންޑް އަންޑަރ ވޯޓަރ ހެރިޓޭޖް ސޮސައިޓީންނެވެ.
މިނިސްޓްރީ އޮފް ހޯމައެފެއަރޒުން
ވިދާޅުވާ ގޮތުގައި، ސަރުކާރުން މިފަދަ އުޅަނދެއް ބަނުމާއި ޖީލުތަކަށް ފެންނާނެ
އިންތިޒާމްކުރުމުގެ ބޭނުމަކީ، އިސްލާމް ދީނާއި ދިވެހި ޤައުމު ދިފާޢުކުރުމުގެ
މުހިންމު ކަމާއި އެކަމުގެ އުނދަގޫކަމާއި އަދި އެކަމަށް މަސައްކަތްކުރެއްވި
އަބްޠާލުން ވަރުގަދަ ޖިހާދުގެ މަޢުލޫމާތު ރައްޔިތުންނަށް ލިބިދިނުމާއި ދީނާއި
ޤައުމު ދިފާޢުކުރުމުގެ ޢަޒުމް ވަރުގަދަކުރުމެވެ.
ކަޅުއޮށްފުންމި ހދ.
ނޭކުރެންދޫގައި ބަނދެ ބޭލުމަށްފަހު ފުރަތަމަ ގެންދެވުނީ ހަދ. ކުޅުދުއްފުށްޓަށެވެ.
މި އުޅަނދުގެ ދަތުރުތައް
ކޮށްފައިވަނީ ފަންރިޔަލުގެ ބައްޓަމަށް ތައްޔާރުކުރެވިފައިވާ ފޮތިރިޔަލުގައެވެ.
އުޅަނދުގެ ދަތުރުތައް ފެށުމުގެ ކުރިން ހަދަންޖެހޭ މެރިޓައިމް ޓެސްޓް ތަކަކަށްފަހު
މިއަހަރުގެ ޤައުމީ ދުވަހަށް މި އުޅަނދު، ބޮޑުތަކުރުފާނުގެ އުފަންރަށް އުތީމަށް
ގެންދެވުނެވެ.
މި ނަމޫނާ އުޅަނދު 3 ދުވަހުގެ
މުއްދަތަށް މާލޭ ބަނދަރުގައި ބާއްވަވާނެއެވެ. އަދި ކަނޑައެޅޭ އިންތިޒާމެއްގެ
ދަށުން އުޅަނދަށް އަރައި ފޮޓޯނެގުމުގެ ފުރުޞަތު ދެއްވާނެއެވެ. އެއަށްފަހު ޢާންމުކޮށް
ފެންނާނެ އިންތިޒާމް ކުރެއްވުމަށްފަހު މާލޭގެ ސަޕްޓަމްޕާކުގައި ހުންނަ ދާރުލްއާސާރު
ކައިރީ މިއޮޑި ބެހެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ.
ކަޅުއޮށްފުންމީގެ ނަމޫދާ އުޅަނދު
ހަމަ ލޮލުން ދުށް ބައެއް ޢާންމުންގެ ވާހަކައިން އެނގުނު ގޮތުގައި މިފަދަ
މަންޒަރެއް ފެންނާނެކަމަކަށް ކުރިން އެމީހުން އުންމީދެއް ނުކުރެއެވެ.
މިއުޅަނދު މާލެ ގެނައުމުގެ
ރަސްމިއްޔާތުގައި އާއޮޑި ބޭލުމާއި ބޭނުންކުރަން ފެށުމުގެ ޘަޤާފަތާ އެއްގޮތަށް
ހަނޑުލުބޮޑިބަތުގެ ފަރިޅެއް އުޅަނދަށް އެރުވިއެވެ. މިފަރިވަޅު ފަރިއްކުޅުވުން
ފަށްޓަވައިދެއްވީ ހޯމް މިނިސްޓަރ ޢުމަރު ނަޞީރެވެ.