ކުރީގެ ސަރުކާރުން ހިޔާ ހައުސިން ޔުނިޓަކަށް އަގު ކަނޑައެޅުމުގައި ބޮޑެތި އޮޅުވާލުން އޮޅުވާލައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ބުނެ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްއެވެ.
ފަލާހު ހުށަހެޅުއްވި މައްސަލާގައި ބުނީ ގިނަ ދުވަސްތަކެއް ވަންދެން ހިޔާ ފެލްޓުތަކުގެ ކުލި ބޮޑުވެގެން ރައްޔިތުން ޝަކުވާކުރަމުން އަންނަނިކޮށް، އެކަމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓުގައި ކުރީ ސަރުކާރުން ކަނޑައެޅި އަގަކީ ގޯސް ހިސާބެއްކަން ހާމަވެފައިވާކަމަށެވެ. އަދި މި ސަރުކާރުން ކަނޑައެޅި އަގު ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަމުން އައިއިރު، ގޯސް ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް، ގަސްތުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ނުތަނަވަސްކަން އުފައްދަން ބަޔަކު މަސައްކަތްކޮށްފައިވާކަމަށްވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
މައްސަލަ ހުށަހެޅުއްވުމަށްފަހު ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތު އެންމެ ފުރަތަމަ ފެށީވެސް އެމްޑީޕީގެ ސަރުކާރުންކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ހައުސިން ޔުނިޓްތައް އެޅުމަށް ނާދީ ހުރި ސަރަހައްދާއި، އޯޑިއޯން ހިމެނޭ ސަރައްދުގައިވެސް ފްލެޓް އަޅަން ނިންމައި އެގްރީމަންޓް ކުރި ނަމަވެސް އެކަންވެސް ހުއްޓުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އެމްޑީޕީއަށް ތާއީދު ކުރާ މެމްބަރުން ވަނީ ކުރީ ސަރުކާރުން ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ނަމުގައި ކޮށްފައިވާ މަސައްކަތަކީ ވަރަށް ބޮޑު ޚިޔާނާތެއްކަމަށް ވިދާޅުވެފައެވެ. އެކަން އޮޑިޓް ރިޕޯޓުން ވަރަށް ސާފުކޮށް ފެންނަން އޮތްއިރު، މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެ މެމްބަރުން ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ އަގު ކަނޑައަޅާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލޭ މޭޔަރު އިސްވެ ހުންވައިގެން ސަރުކާރަށް ޖެއްސުން ކުރުމަށްޓަކައިކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ހިޔާ ހައުސިން ޔުނިޓަކަށް ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ޔުނިޓަކަށް މަހަކު 10419 ރުފިޔާކަމަށާއި، އޭރު ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިންގ ޔުނިޓެއް ވިއްކިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި ރިޕޯޓުގައި އެޗް.ޑީ.ސީން މި އަހަރު ކަނޑައެޅި 11،000 ރުފިޔާގެ އަގާއި، ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން 2018 ވަނަ އަހަރު ކަނޑައެޅި 6600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީ އައު ކައުންސިލުން މި އަހަރު ކަނޑައެޅި 5548 ރުފިޔާގެ ހިސާބުގެ އިތުރުން ސަރުކާރުން ކަނޑައަޅާފައިވާ 8500 އެކުލަވާލުމުގައި ގެންގުޅެފައިވާ އަސާސްތައް ވަނީ ދިރާސާކޮށްފައެވެ.
ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާކަމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީމް މަހުގެތެރޭގައެވެ.