ޚަބަރު

ޚިޔާނާތާއެކު ބޯހިޔާވަހިކަމަށް ހެދި ތަނުން ހިޔާވަހިކަމެއް ނުލިބޭ: ސަލީމް


ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ނަމުގައި، އަޅާފައިވާ 7000 ހައުސިން ޔުނިޓަކީ ކޮރަޕްޝަންގެ ބޮޑު ޖަރީމާތަކެއް ހިންގާފައިވާ، އަދި އެތަނުން އާންމު ރައްޔިތުންނަށް ހިޔާވަހިކަން ނުލިބޭ ތަނެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމަށް ހިންގި ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީން އަގު ކަނޑައެޅުމުގައި ގަސްތުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށެހެޅި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ހިޔާ މަޝްރޫއާއިއެކު ތަކުރާރުކޮށް ފާހަގަކުރަމުންދިޔަ ހިތްހަމަނުޖެހުންތައް އޮޑިޓް ރިޕޯޓަށް ބަލައިލުމުން ސާފު ވާނެކަމަށެވެ.

އޮޑިޓް ރިޕޯޓުން ސާފުކޮށް އެގެން އޮތް ގޮތުގައި މިމަޝްރޫއު ފުރަތަމަ ހަވާލުކުރީވެސް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށް ކަމަށެވެ. އަދި އެތަނުގެ އިންޓަރެސްޓުގެ ގޮތުގައި އެތައް މިލިޔަނުން ފައިސާ ދައްކަންޖެހޭއިރު އެތަން ނިންމައި ކުރީ ސަރުކާރުން ހަވާލުކުރީ ހަތަރު ފާރުކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައްޔިތުން ހިޔާ ފްލެޓްތަށް ދިޔައީ ބޯހިޔާވަހިކަން ހޯދުމަށް ކަމަށާއި، ނަމަވެސް ހިޔާވަހިކަން ނުލިބޭ ތަނަކަށް އެތަންވުމުން ރައްޔިތުންގެ ޝަކުވާ މިއަދު އިންތިއަށް އެބައޮތްކަމަށެވެ.

"މިމައްސަލަ އާއިމެދު ހިތްހަމަ ނުޖެހެނީ ބޯހިޔާވަހިކަން ނުލިބި، ބޯހިޔާވަހިކަން ހޯދުމުގެ ނަމުގައި ހެދިތަނުން ހިޔާ ވަހިކަން ނުލިބޭތީ. ބޮޑު އަގުގައި އެތަން ބަޔަކަށްދީ، އެމަޝްރޫޢުގެ ސަބަބުން ދައުލަތް ދަރާ ވިކިފައިވާތީ. މިމަޝްރޫޢުގެ ތެރެއިން ރަނގަޅަށް ހިނގާފައިވާ އެންމެ ކަމެއްވެސްނެތް." ސަލީމް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގައި ތިބި އައިލާތަކުގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ބައެއް ފަރާތްތައް ދިރިއުޅެމުންދާ ކަމަށާއި، އެފަރަތްތަކަށް މިހާރު ކަނޑައަޅާފައި ކުލި ދެއްކުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ސަލީމް ވިދާޅުވިއެވެ. އެމީހުންނަށް ޓާގެޓެޓް ސަބްސިޓީއެއް ކަނޑައެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ކުރީ ސަރުކާރުން 8 ބިލިޔަން ރުފިޔާއަށް އެޅި ހައުސިން މަޝްރޫއުގެ ތެރެއިން 100 ބިލިޔަން ރުފިޔާއަށް ވީގޮތެއް ނޭގި ގެއްލިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވާކަމަށެވެ. އަދި މިއީ އިތުރު ހައުސިން ޔުނިޓެއް އެޅޭވަރުގެ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓްތައް ހާމަކުރުމުން މިސަރުކާރާއި މަޖިލީހުގެ ޒިންމާއަކީ އެރިޕޯޓްތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުންކަމަށާއި، ކުރީގެ ވެރިކަމުގައި ކަންކުރި ގޮތަށް ރިޕޯޓް ނެރުމުން އޮޑިޓާރ ޖެނެރަލް ވަކިކޮށް މުއައްސަސަގެ އަގު ވައްޓާލުމަކީ މިސަރުކާރުން ކުރާނެ ކަމެއްނޫންކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

"ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެކި ރިޕޯޓް ނެރުއްވައިފި. މަޖިލީހުން ސަރުކާރުން އެކަން ގޯސްކޮށް، އޮޑިޓް ރިޕޯޓާއި، އޮޑިޓް އޮފީހުގެ އަގު ވައްޓައެއްނުލާނެ. އެކަމުގައ އަޅަންޖެހޭ ފިޔަވަޅު އަޅާނެ. ނަމަވެސް ޕީޕީއެމްއާއި ގުޅޭ ރިޕޯޓެއް އައުމާއިއެކު ފެނިގެންދަނީ ސިޔާސީ ރިޕޯޓަކަށް ގޯސްވެ އޮޑިޓަރ ޖެނެރަލް ގޯސްވެ މަޤޢާމުްނ ވަކި ކުރާަތން. މިއީ ތަފާތަކީ." ޔައުޤޫބް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މި ރިޕޯޓް ރަނގަޅަށް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭކަމަށް ވިދާޅުވެފައެވެ. މިއީ ރައްޔިތުންގެ އެތައް ކަމެއް ކުރަންހުރި ފައިސާއަށް ވެފައިވާ ޚިނާތަކަށް ވާއިރު މިކަމުގައި އަޅަންޖެހޭ ފިޔަވަޅު ނޭޅިއްޖެނަމަ މިފަދަ އެހެން ކަންތައްތަކެއް ތަކުރާރުވުމުގެ ފުރުސަތު އޮތްކަމަށް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.