މިދިޔަ މާޗުމަހުގެ ތެރޭގައި ފޭސްބުކްގެ ބައެއް އެނަލިސްޓުން ވަނީ އެކުންފުނީގެ އެންމެ ބާރުގަދަ އެއް މަޤާމުގައި ހުންނެވި ޗީފް ޕްރޮޑަކްޓް އޮފިސަރ ކްރިސް ކޮކްސްއަށް ހާއްސަ ދިރާސާއެއް ތައްޔާރުކޮށްދެއްވާފައެވެ. މި ދިރާސާގައި މަޢުލޫމާތުތަކެއް އެއްކޮށްފައިވާއިރު، އެގެއިން ފެންނަނީ ފޭސްބުކްއަށް އެހާ ހިތްޤާއިމު މަންޒަރެއް ނޫނެވެ. އެނަލިސްޓުންގެ ޗާޓުތަކައި ގްރާފްތަކުން ދައްކާގޮތުން ޒުވާނުންނާއި ޅަ ފުރައިގެކުދިންގެ މެދުގައި ފޭސްބުކްއަށް އޮތް މަޤްބޫލްކަން ދަނީ ވަރަށް ހަލުއި ދުވެއްޔެއްގައި ދަށަށްދަމުންނެވެ.
ފޭސްބުކްގެ ބޭނުމަށް ހެދި އިންޓަރނަލް ދިރާސާތައް ދައްކާގޮތުން އެމެރިކާގެ ޅައުމުރު ފުރައިގެ ކުދިން ނުވަތަ ޓީނޭޖް ކުދިން ފޭސްބުކްގައި ހޭދަކުރާ ވަގުތު ވަނީ އަހަރުން އަހަރަށް ބަލާއިރު 16 އިންސައްތަ ދަށްވެފައެވެ. އަދި އެމެރިކާގެ ޒުވާނުން ފޭސްބުކްގައި ހޭދަކުރާ ވަގުތު އަހަރުން އަހަރަށް ބަލާއިރު ވަނީ 5 އިންސައްތަ ދަށްވެފައެވެ. އަނެއްކޮޅުން ފޭސްބުކްއަށް އަލަށް ވަންނަ ޓީނޭޖް ކުދިންގެ އަދަދުވެސް ދަށްވަމުންދާކަމަށް ދިރާސާއިން ދައްކައެވެ. މީގެކުރިން ޓީނޭޖް ކުދިން ފޭސްބުކްއަށް އަލަށް ސައިންއަޕްކުރި އުމުރާއި މިހާރު އެކައުންޓެއް އަލަށް ހުޅުވުމަށް ޒުވާނުން ސައިންއަޕްކުރާ އުމުރުވެސް ބަދަލުވަމުންދާކަން މި ދިރާސާއިން ދައްކައެވެ. އެގޮތުން 2000 ވަނަ އަހަރުގެ ކުރިން އުފަންވި ކުދިން އުމުރުން 19 އަހަރު ނުވަތަ 20 އަހަރު ވާއިރު ފޭސްބުކް އެކައުންޓެއް ހުޅުވާފައިވާއިރު، 2000 ވަނަ އަހަރުގެ ފަހުން އުފަންވި ކުދިން ފޭސްބުކް އެކައުންޓެއް ހުޅުވާނީ އާއްމުކޮށް 24 އަހަރާއި 25 އަހަރުވުމުންކަމަށްވެސް ދިރާސާއިން ދެއްކިއެވެ.
މި ރިޕޯޓަކީ ހަމައެކަނި ފޭސްބުކްގެ ބޭނުންމަށް ތައްޔާރުކުރި ރިޕޯޓެއް ނަމަވެސް، މި ރިޕޯޓް ވަނީ މީޑިއާތަކަށް ލިބިފައެވެ. އަދި މި ރިޕޯޓްތައް އާއްމުކޮށް ފެންނަން ފެށުމާއެކު އިންވެސްޓަރުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވެ، ފޭސްބުކްގެ ހިއްސާ ހޯމަދުވަހު ވަނީ ދަށަށްވެސް ގޮސްފައެވެ.
ފޭސްބުކްގެ ދިރާސާއިން މައިގަނޑު ގޮތެއްގައި އެނގުނު ކަންކަން،
*ޒުވާނުން ފޭސްބުކްގައި ހޭދަކުރާ ވަގުތު މަދުވަމުންދިއުން
*ފޭސްބުކަށް އަލަށް ވަންނަ ޒުވާނުން މަދުވުން
*ޒުވާނުންގެ އައު އެކައުންޓްތަކުގެ ބަދަލުގައި، ޑުޕްލިކޭޓް އެކައުންޓްތައް ގިނަވުން
*ޒުވާނުން ޕޯސްޓްކުރާ ކޮންޓެންޓް މަދުވުން
*ރިސާޗުތައް ހެދިޔަސް، މިމައްސަލަތައް ކުރިމަތިވަނީ ކީއްވެކަން ނޭނގުން
ހަބަރުތައް ބުނާގޮތުން ޒުވާނުންގެ މެދުގައި ފޭސްބުކްއަށް އޮތް މަޤްބޫލުކަން ދަށަށްދާކަން ފޭސްބުކްއަށް އެނގޭތާ އަހަރުތަކެއްވެއްޖެއެވެ. ނަމަވެސް ވިޔަފާރިއަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި ފޭސްބުކްއިން ދިޔައީ މި މައުލޫމާތުތައް އިންވެސްޓަރުންނާއި ހިއްސާދާރުންނަށް ސިއްރުކުރަމުންނެވެ. އަނެއްކޮޅުން ޒުވާނުންގެ މެދުގައި ފޭސްބުކްއާމެދު އޮތް މަގްބޫލްކަން ކުޑަވަމުންދާ ސަބަބު ހޯދުމަށް ފޭސްބުކްއިން މަސައްކަތްކުރާތާވެސް ދުވަސްތަކެއްވެއްޖެއެވެ. އެއީ މިކަމަކީ ފޭސްބުކްގެ އެންމެ ބޮޑު ވިޔަފާރިކަމަށްވާ އިޝްތިހާރުކުރުމުގެ ވިޔަފާރިއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީއެވެ. ފޭސްބުކްގެ އިޝްތިހާރު މާކެޓަކީ ދުނިޔޭގެ ޑިޖިޓަލް އެޑްވައިޓައިސިންގެ މާކެޓްގެ 23.7 އިންސައްތަ ކޮންޓްރޯލްކުރާ މާކެޓެކެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުން ޒުވާނުންގެ މެދުގައި ފޭސްބުކްއަށް މަޤްބޫލުކަން ދަށްވުން ފަދަ ކަންކަން އާއްމުކޮށް މީހުންނަށް ނޭނގި އޮތީ ފޭސްބުކްއަށް މާލީ ގޮތުން ލިބެމުންދާ ކުރިއެރުންތަކުގެ ސަބަބުންނެވެ. އެގޮތުން ޒުވާނުންގެ އަދަދު ދަށްވިނަމަވެސް، ފޭސްބުކް ބޭނުންކުރާ މީހުންގެ ޖުމްލަ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އަދި ކޮންމެ ކުއާޓަރެއްގައި އެކުންފުންޏަށް ލިބޭ އާމްދަނީވެސް އުޅޭނީ 30 ބިލިއަން ޑޮލަރުގައެވެ. އަދި ކުންފުނީގެ މާކެޓް ވެލިއު ނުވަތަ ކުންފުނީގެ އަގު އުޅެނީ 1 ޓްރިލިއަން ޑޮލަރު ނުވަތަ 1000 ބިލިއަން ޑޮލަރުގައެވެ.
ފޭސްބުކް އިންކޯޕަރޭޝަނުން ހިންގާ ފޭސްބުކް އެޕްލިކޭޝަންގެ މަޤްބޫލުކަން ޒުވާނުންގެ މެދުގައި ދަށްވިނަމަވެސް، އެކުންފުނީގެ މަޝްހޫރު އެޕްލިކޭޝަން އިންސްޓަގްރާމްގެ މަޤްބޫލްކަން ޒުވާނުންގެ މެދުގައި ދަށަކަށް ނުދެއެވެ. ނަމަވެސް އިންސްޓަގްރާމްގައިވެސް ޒުވާނުން ޕޯސްޓްކުރާ ކޮންޓެންޓް މަދުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން މިއީ ޓިކްޓޮކް ބޭނުންކުރާ ޒުވާނުންގެ އަދަދު އިތުރުވުމުން ދިމާވާކަމެކެވެ. އަދި އޮންލައިންކޮށް ގަނާ ކުރުން ނުވަތަ ބުލީކުރުމުގެ މައްސަލައަކީވެސް މިކަމުގެ ސަބަބެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒުވާނުންގެ މެދުގައި ފޭސްބުކްގެ މަޤްބޫލުކަން އިތުރުކުރުމަށް ފޭސްބުކްއިން މިހާރުވެސް ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ޒުވާނުންގެ މަޤްބޫލުކަން އިތުރުކުރެވޭނެ ފީޗާސްތައް ދަނީ ތައާރަފްކުރަމުންނެވެ. އަދި އެންމެ ބޮޑު މަސައްކަތަކަށް ފޭސްބުކް ކުންފުނީގެ ނަންވެސް ބަދަލުކުރުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، ޒުވާނުންގެ މަޤްބޫލުކަން ބޮޑުވަމުންދާ ޑިޖިޓަލް ދުނިޔެ، ނުވަތަ މެޓަވާސްގެ ތެރެއަށް ފޭސްބުކް ވަނުމުގެ ގޮތުން ކުރާކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮންމެއަކަސް ފޭސްބުކްގެ މަޤްބޫލްކަން އިތުރުކުރުމަށް އެ ކުންފުނިން މަސައްކަތްތަކެއް ފަށާފައިވީނަމަވެސް އެއީ އުނދަގޫ ބޮޑު މަސައްކަތަކަށްވާނޭކަން ފޭސްބުކްއިން ޤަބޫލުކުރެއެވެ. އަދި ފޭސްބުކްއާ ދުރަށްދިޔަ ޒުވާނުންނާއި ޅަ ކުދިން އަނބުރާ ފޭސްބުކްއަށް ގެނެވޭނެތޯ އެއީ ނޭނގުމެއްގެ ތެރޭގައި އޮތްކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.