ޚަބަރު

ތިން މެމްބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމަނައިފި


މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާއަށް އެމްއެންޕީން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެޕާޓީ ރަޖިސްޓްރީ ކުރައްވާފައިވާކަމަށެވެ.

އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރައްވާފައިވަނީ މަޖިލީހުގެ ތިން މެމްބަރަކާއި އެކުގައެވެ. އެމެމްބަރުންނަކީ އެމްއެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. މިބަދަލާއެކު މަޖިލީހުގައި މެމްބަރުން ހިމެނޭ ޕާޓީތަކުގެ ދަތްފަރަށްވެސް ވަނީ ބަދަލުތަކެއް އައިސްފައިއެވެ.

މަޖިލީހުގެ މެމްބަރުންގެ ދަފްތަރު:

* އެމްޑީޕީ - 65 މެމްބަރުން
* ޕީޕީއެމް - 6 މެމްބަރުން
* ޖުމްހޫރީ ޕާޓީ - 3 މެމްބަރުން
* ޕީއެންސީ - 3 މެމްބަރުން
* އެމްއެންޕީ - 3 މެމްބަރުން
* އެމްޑީއޭ - 2 މެމްބަރުން
* މިނިވަން - 5 މެމްބަރުން

މަޖިލީހުގެ ރައީސް ވިދާޅުވީ މިބަދަލާއެކު މަޖިލީހުގެ ކޮމެޓީތަކަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް އެކުލެވެއެވެ. މީގެ ތެރެއިން މަޖިލީހުގައި ތަމްސީލް ކުރަމުންދަނީ ސިޔާސީ 6 ޕާޓީއެއްގެ މެމްބަރުންނެވެ.