ޚަބަރު

އެޗްއާރުސީއެމްގެ ރައީސަކަށް މުނާ، ނައިބަކަށް ޑރ.އަދުހަމް


ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމަށް މަރިޔަމް މުނާ އަދި ނާއިބް ރައީސްކަމަށް ޑރ.އަދުހަމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްއާއި، ނާއިބް ރައީސް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުއްވި ގޮތަށް ކޮމިޓީން ފާސްކޮށްފައިވަނީ ބައިވެރިވި ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމެޓީން ހުށަހެޅި ގޮތަށް މިދެބޭފުޅުންނަށް މިއަދު ނެގުނު ވޯޓުގައި އެޗްއާރުސީއެމްގެ ރައީސްކަމަށް އެކޮމިޝަނުގެ މެމްބަރު މުނާ އައްޔަން ކުރުމަށް ވޯޓު ދިނީ 47 މެމްބަރުންނެވެ. ނައިބް ރައީސް ކަމަށް އެކޮމިޝަނުގެ މެމްބަރު ޑރ.އަދުހަމް އައްޔަން ކުރުމަށް 46 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އެޗްއާރުސީއެމްގެ ރައީސްކަމުގެ މަޤާމަށާއި، ނާއިބް ރައީސްކަމަށް އައްޔަން ކުރަން ކޮމިޓީން ފާސްކުރި ދެބޭފުޅުންނާއި އިންޓައުވިއު ކޮށްފައެއްނުވެއެވެ. އިންޓަރވިއު ނުކުރީ، އެދެބޭފުޅުންނަކީވެސް ވަރަށް ފަހުން ކޮމިޝަނަށް އައްޔަން ކުރުމަށް ކޮމިޓީން އިންޓަރވިއުކޮށް، އެދެބޭފުޅުންގެ ހުރިހާ މައުލޫމާތެއް ހުރި ބޭފުޅުންނަށް ވުމުންނެވެ.

އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ މުނާ އެކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މުނާ ވަނީ 2012 އޯގަސްޓް އިން 2014 އޮގަސްޓް 26އާ ހަމައަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އޭނާ އަދާކުރައްވާފައިވެއެވެ. މުނާއަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވަރސިޓީގެ މާސްޓަރސްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓްވެސް ހާސިލް ކުރައްވައިފައެވެ.

ކޮމިޝަންގެ ނާއިބް ރައީސްކަމަށް އައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ ޑރ.އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައި ވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. ޑޮކްޓަރ އަޙްމަދު އަދުހަމް ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެއިތުރުން އަޙްމަދު އަދުހަމަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.