ޚަބަރު

ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކުރުމަށް މަޖިލީހުން ފާސްކޮށްފި


ދިވެހިރާއްޖޭގައި ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ފޮރިން ސަރވިސްގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިބިލު މަޖިލީހުން ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ދިރާސާކުރި މިމިބިލަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ ބިލެކެވެ. ފޮރިން ސަރވިސްގެ ބިލަކީ ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމުކުރަން ހުށަހެޅި ބިލެކެވެ.

މިބިލު ޤާނޫނަކަށްވެ، ޢަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް"ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ޤާއިމުކުރެވޭނެއެވެ. އެ ޚިދުމަތް ނުވަތަ ފޮރިން ސަރވިސް އެކުލެވިގެންވާނީ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށެވެ.

ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ބިލް ދިރާސާކޮށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ފޮރިން ސާވިސްގެ މަގާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ އެކަމާގުޅޭ މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ޕޭ ކޮމިޝަނުން ކަމަށް ކަނޑައަޅައި ބިލަށް މާއްދާއެއް އިތުރުކޮށްފައިވެއެވެ. ހަމަ މިއާއެކު ފޮރިން ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރާ މީހަކީ އެ މިނިސްޓްރީގައި މަދުވެގެން 10 އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ބިލްގައިވެއެވެ. ބިލްގައި ކުރިން އޮތީ އެ މުއްދަތު 15 އަަހަރު ކަމުގައި ހިމަނާފައެވެ.

މިބިލު ޤާނޫނަކަށްވުމުން ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. އެގޮތުން ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ. އަދި ފޮރިން ސެކްރެޓަރީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. ފޮރިން ސެކްރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ބިލުގައިވާ ގޮތުން ސަފީރުންގެ ވަޒީފާއަށް ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއިން ބޭރުންވެސް މީހުން ޢައްޔަންކުރެވިދާނެއެވެ. ނަމަވެސް ފޮރިން ސަރވިސްއިން ބޭރުން ޢައްޔަންކޮށްފައި ތިބޭ ސަފީރުން، ވެރިކަން ބަދަލުވާ ޙާލަތެއްގައި، ސަފީރުކަމުގެ ވަޒީފާއިން އިސްތިއުފާދޭންޖެހެއެވެ.