ވިޔަފާރި

މާޅޮހަށް ކޭޝް އޭޖެންޓް ބޭންކިންގ ޙިދުމަތް ތައާރަފްކޮށްފި


ބ. މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިންގ ޙިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ތައާރަފްކުރި މި ހިދުމަތާއެކު ބީއެމްއެލުގެ ކޭޝް އެޖެންޓު ޙިދުމަތް މިހާރު ރާއްޖޭގެ 75 ރަށަކުން ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

އޭޖަންޓް ބޭންކިންގގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ. 2015 ވަނަ އަހަރު މި ހިދުމަތް ފެށިފައިވަނީ ހަމަ އެކަނި ފައިސާ ނެގުމަށް ކަމުގައި ވީނަމަވެސް އޭޖަންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގޭނެއެވެ. އަދި ކަސްޓަމަރަކަށް ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެއެވެ.

އިތުރު ރަށެއްގައި ބީއެމްއެލް ކޭޝް އޭޖެންޓް ބޭންކިންގ ތައާރަފްކުރުމާއި ގުޅިގެން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އެބޭންކުން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއްކަމަށެވެ. އަދި އެބޭންކުގެ އަމާޒަކީ ކުރިއަށް އޮތް މަސްތަކުގައި މި ހިދުމަތް މީހުން ދިރިއުޅޭ 100 ރަށަށް ފޯރުކޮށްދިނުން ކަމަށް ޓިމް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރަށްރަށުގައި އިއުލާން ކުރެވިފައިވާ ފިޔަވަޅުތަކާއެކުވެސް ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެބޭންކުން ހާމަކުރެއެވެ.