ޚަބަރު

ބޮޑުއަގު ހުށަހެޅި ކުންފުންޏަށް ހިޔާ މަޝްރޫޢު ދިން މައްސަލަ ތަހުގީގު ކުރަނީ


ހިޔާ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރިއިރު، ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑުއަގު ހުށަހެޅި ކުންފުންޏަށް މަޝްރޫޢު ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފިއެވެ.

ހިޔާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެދި 5 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. ނަމަވެސް މަސައްކަތް ޙަވާލުކުރީ އެންމެބޮޑު އަގު ހުށައެޅި ކުންފުންޏާއެވެ. ފްލެޓް ހެދުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ޔުނިޓެއް 62000 ޑޮލަރަށް ހަދައިދޭ ކުންފުންޏަށެވެ. މިމަޝްރޫއު ހިންގި ކުންފުންޏާ ޖެހިގެން ދެން އެންމެބޮޑު އަގު ހުށަހެޅި ކުންފުނި ވެސް ހުށަހަޅާފައިވަނީ އެ ކުންފުންޏަށްވުރެ 10،000 ޑޮލަރު ކުޑަކޮށެވެ. ދެން ތިބި ފަރާތްތަކުން ހުށަހަޅާފައި ވަނީ ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާ ދެމެދުގެ ޢަދެދެކެވެ.

މި އަގުތަކާއެކު ހިޔާ ފްލެޓްގެ އަކަފޫޓަކަށް 1637ރުފިޔާ ޖެހެއެވެ. ނަމަވެސް އާއްމުކޮށް މާލޭގައި މިއަށްވުރެ ބޮޑު، ފެންވަރު ރަނގަޅު ތަނެއް ހެދުމަށް ހޭދަކުރަނީވެސް އަކަފޫޓަކަށް 1200އެއްހައި ރުފިޔާއެވެ. މިމައްސަލަ އޭސީސީން ތަހުގީގް ކުރަން ފަށާފައިވަނީ އެކޮމިޝަންގެ އަމިއްލަ އިނސްނެގުމުގެ މަތީން މިއަހަރުގެ ޖޫން މަހުން ފެށިގެންނެވެ. ކޮމިޝަނުން ދަނީ މިމައްސަލާގައި ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދައި ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

ހިޔާ މަޝްރޫޢުގެ 7000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާއެވެ. މި މަޝްރޫޢުގެ ނިންމުންތައް ނިންމާފައިވާގޮތަށް ބަލާއިރު މިއީ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢަކަށް އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ނޫންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މަޝްރޫޢު ހިންގުމަށް ނަގާފައިވާ ލޯނަކީވެސް ވިޔަފާރި ނުވަތަ ކޮމާޝަލް ރޭޓުގައި ނަގާފައިވާ ލޯނެއް ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ހިޔާ މަޝްރޫޢުގައި ހައުސިންގ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ހިސާބުކޮށް ކަނޑައަޅާފައިވާގޮތް ރިވިއު ކުރުމަށް އެޗް.ޑީ.ސީން އެދުމުން، އެއަގު ހިސާބުކޮށްފައިވާ ގޮތް ބެލުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުންވަނީ ރިޕޯޓެއްވެސް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވާގޮތުން އޭރު ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިންގ ޔުނިޓެއް ވިއްކިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެއެވެ.

މި ރިޕޯޓުގައި އެޗް.ޑީ.ސީން މި އަހަރު ކަނޑައެޅި 11،000 ރުފިޔާގެ އަގާއި ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން 2018ވަނަ އަހަރު ކަނޑައެޅި 6،600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީ އައު ކައުންސިލުން މި އަހަރު ކަނޑައެޅި 5،548 ރުފިޔާގެ ހިސާބުގެ އިތުރުން ސަރުކާރުން ކަނޑައަޅާފައިވާ 8،500 އެކުލަވާލުމުގައި ގެންގުޅެފައިވާ އަސާސްތައްވަނީ ދިރާސާކޮށްފައެވެ.

މި ރިޕޯޓުގައިވާ ގޮތުން ކުރީގެ ސަރުކާރުން ނިންމާފައިވާ 6،600 ރުފިޔާއާއި މި އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 6،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އަދި މެއިންޓަނެންސް ފީގެ 1،000 ރުފިޔާ ހިމެނޭހެން ހައުސިން ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ 8،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި އެއް ސަތޭކަ ތިރީސް އަށް މިލިއަން ފަސްދޮޅަސް ތިން ހާސް ހަ ސަތޭކަ ހަތްދިހަ ރުފިޔާގެ ދަރަންޏެއް އަރާނެ ކަމަށްވެސް އޮޑިޓަރ ޖެނަރަލްވަނީ އަންދާޒާ ކުރައްވާފައެވެ.

މި ރިޕޯޓުގައި އޮޑިޓަރ ޖެނަރަލްވަނީ ލޯނު ނަގައިގެން ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި، ލޯނުގެ ފައިނޭންސް ކޮސްޓް ދެއްކޭނެ ކޮސްޓް އޮފް ކެޕިޓަލަށް ރިޢާޔަތްކޮށް، އީއެމްއައި މެތަޑު ބޭނުންކޮށްގެން ޔުނިޓުތައް ވިއްކާ އަގު ކަނޑައެޅުމަށް ލަފާދެއްވާފައެވެ.

ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8،500 ރުފިޔާކަމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީމް މަހުގެތެރޭގައެވެ.