ޚަބަރު

ކޯވިޑުގައި 3 ދުވަހުގެ ތެރޭގައި އައްޑޫން 3 މަރު


އައްޑޫސިޓީ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ރޭ ދަންވަރު 2:13 ހާއިރު ނިޔާވެފައިވާ މިމީހާއަކީ ޢުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 243އަށް އަރާފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 26ވަނަ ދުވަހުއެވެ. އެ ދުވަހުވެސް ނިޔާވެފައިވަނީ އައްޑޫ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، ފަހަކަށް އައިސް މާލެއަށްވުރެ އަތޮޅުތަކުން ފެންނަ ކޭސްތައް ގިނަކަން ފާހަގަކޮށްލަންޖެހެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 173 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 27 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 137 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 87،359 އަށް އަރާފައެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 1،651 އަށް އިތުރުވެފައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން، 26 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.