ޚަބަރު

ހިޔާ އޮޑިޓް ރިޕޯޓްގެ މައްސަލަ އޭސީސީން ދިރާސާކުރަން ފަށައިފި


ކުރީގެ ސަރުކާރުން ހިޔާ ހައުސިން ޔުނިޓުގެ އަގުކަނޑައަޅާފައިވާ ގޮތާ ގުޅޭގޮތުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓް، ދިރަސާ ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ދިރާސާ ކުރުމުގެ މަސައްކަތް އޭސީސީން ކުރަމުންދާކަމަށެވެ. ކޮމިޝަނުން ރިޕޯޓް ދިރާސާ ކުރުމަށްފަހު، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމުގައިވާނަމަ އެކަން ކުރާނެކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގި 7000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ހިސާބުކޮށް ކަނޑައަޅާފައިވާގޮތް ރިވިއު ކުރުމަށް އެޗް.ޑީ.ސީން އެދުމުން، އެއަގު ހިސާބުކޮށްފައިވާގޮތް ބެލުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ފްލެޓުގެ ސައްޙަ އަގަކީ ޔުނިޓަކަށް މަހަކު 10،419 ރުފިޔާކަމަށާއި، އޭރު ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިންގ ޔުނިޓެއް ވިއްކިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށެވެ. މި ރިޕޯޓުގައި އެޗްޑީސީން ހެދި ހިސާބުތަކާއި، މާލެ ސިޓީ ކައުންސިލުން ހެދި ހިސާބުތަކާއި، އަދި ކުރީގެ ހައުސިން މިނިސްޓްރީން ހެދި ހިސާބުތަކުގެ ތަފްސީލުތައްވެސް ވަނީ ހިމަނާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމަށް ހިންގި ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީން އަގު ކަނޑައެޅުމުގައި ގަސްތުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. މިމައްސަލަ ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައެވެ.