ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީ ކައުންސިލަށް ޒިޔާރަތް ކުރައްވައި، އައްޑޫ ސިޓީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.
ކައުންސިލަރުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބަދަލުވެގެންދާނީ ރައްޔިތުންނާއި ގާތުން ދެވޭ ޚިދުމަތްތަކަކަށް ކަމުގައި ވިދާޅުވިއެވެ. އަދި އެގޮތުން ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންތައްތައް ފާހަގަކޮށް އެކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީ ކައުންސިލަރުން ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެކި ދާއިރާތަކުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އެ ކައުންސިލަށް ދިމާވެފައިވާ އިންސާނީ ވަޞީލަތްތަކާއި ބަޖެޓުގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ސަރުކާރުން އައްޑޫ ސިޓީގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އުފެދިގެން އަންނަ ވަޒީފާތަކަށް ފުރުޞަތު ދިނުމުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދިނުމަށް ކައުންސިލަރުން ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ބައެއް މުއައްސަސާތަކަށާއި، އެ ސިޓީގައި ހިންގާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން އައްޑޫ ސިޓީ ހުޅުމީދޫގައި ތަރައްޤީކުރަމުންދާ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.
ރެއިންބޯ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެން ތަރައްޤީކުރާ މި ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަން އެއްތަނަކުން ފޯރުކޮށްދިނުމަށްޓަކާ ތަރައްޤީކުރާ ސެންޓަރެކެވެ. މި ސެންޓަރުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ޑިޓޮކްސްކޮށް، އެމީހުންނަށް ބޭނުންވާ ޓްރީޓްމަންޓާއި، ރިހެބިލިޓޭޝަންގެ ފަރުވާ ދެވިގެންދާނެއެވެ.
އެއަށްފަހު އެމަނިކުފާނުވަނީ ހުޅުމީދޫ ހެލްތު ސެންޓަރަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި ތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ހެލްތު ސެންޓަރަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ވަނީ އައްޑޫ ސިޓީގައި ސަރުކާރުން ތަރައްޤީކުރަމުންދާ 2 މިސްކިތެއްގެ މަސައްކަތްތައް ކުރިއަށްދާގޮތްވެސް ބައްލަވާލައްވާފައެވެ.