ޚަބަރު

20 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވައިފި


ރަށްރަށަށް ބެނުންވާ އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުގެ ދަށުން 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.

މިއީ މިދިޔަ ޖޫންމަހު އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއަށް ހަވާލުކުރި އެމްބިއުލަންސްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓްގެ ތެރެއިން ގެނައި އެމްބިއުލާންސްތަކެކެވެ. .

ސަރުކާރުން ވިދާޅުވީ މިފަހަރު އެމްބިއުލާންސްތައް ފޮނުވާފައިވަނީ އެންމެ ބޮޑަށް އެމްބިއުލާންސް ނެތުމުގެ ދަތިކަން ކުރިމަތިވާ ރަށްތަކުގެ ތެރެއިން 20 ރަށަށްކަމަށެވެ.

އެމްބިއުލަންސް ފޮނުވި ރަށްތައް:

  • އއ.ތޮއްޑޫ
  • ފ.ބިލެއްދޫ
  • ތ. ގާދިއްފުށި
  • ތ.މަޑިފުށި
  • ގއ. ގެމަނަފުށި
  • ލ.މާމެންދޫ
  • އދ.ދަނގެތި
  • ކ.ހުރާ
  • ބ.ކުޑަރިކިލު
  • ބ.ތުޅާދޫ
  • ޅ.ކުރެންދޫ
  • ރ.އިނގުރައިދޫ
  • ނ.މިލަދޫ
  • ނ.ހެނބަދޫ
  • ށ.މަރޮށި
  • ށ.ފޯކައިދޫ
  • ހދ.ނޮޅިވަރަން
  • ހދ.މަކުނުދޫ
  • ހއ.އުލިގަމު
  • ހއ.ފިއްލަދޫ

ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސްއެއް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެންނާނެކަމަށެވެ. އަދި ދެން ހުރި އެމްބިއުލާންސްތައްވެސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވިދާޅުވީ އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ

އެމްބިއުލާންސްތައް ގެނެސް، އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށުމުން، ކާރިޘާގެ ވަގުތުތަކުގައިއާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެކަމަށްވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

އެމްބިއުލާންސް ފޯރުކޮށްދިނުމުގެ އިތުރުންވެސް، އަތޮޅުތެރޭގައި ދެވޭ ސިއްހީ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުރިއަރުވަމުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ލ ކުނަހަންދޫ ކައުންސިލް މެމްބަރ ފާތިމަތު ފަރީދާ

ލ ކުނަހަންދޫގެ އެމްބިއުލާންސް ހަލާކުވެގެން ނުދުއްވޭތަން މިވަނީ 4މަސް ސަރުކާރުން ކުނަހަންދޫގެ ހާލަތު އިނގިނުލައްވަނީތޯ؟ ނޫނީ މިއީ އޮންނަ ރަށެށްކަން ނޭނގެނީތޯ؟