އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37 ބިލިޔަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފިއެވެ. މިބަޖެޓުގައި ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ %90ވަނީ ބަޖެޓު ކުރެވިފައެވެ.
2022ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާނީ ޕްރޮގުރާމް ބަޖެޓެއްކަމަށެވެ. 2022ވަނަ އަހަރުގެ ބަޖެޓާއެކު ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ %90އަށްވުރެ ބޮޑުބައެއް ވަނީ ބަޖެޓްކުރެވިފައެވެ. މީގެތެރެއިން، މިހާރުވެސް ޖުމްލަ 671 މަޝްރޫޢެއް ނިމިފައިވެއެވެ. އަދި 497 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ދަނީ ކުރެވެމުންނެވެ.
2022ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 36,925,424,524 ރުފިޔާ (ތިރީސް ހަ ބިލިޔަން، ނުވަ ސަތޭކަ ފަންސަވީސް މިލިޔަން، ހަތަރު ސަތޭކަ ސައުވީސް ހާސް، ފަސް ސަތޭކަ ސައުވީސް ރުފިޔާ)އެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 34.0 ބިލިޔަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިޔަން ރުފިޔާއެވެ. މި ބަޖެޓަކީ 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން %11.1އެވެ.
ކޯވިޑް-19ގެ ސަބަބުން އިޤުތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައިވީ ނަމަވެސް، މި އަހަރުގެ ތެރޭގައި އިޤުތިޞާދު މިވަނީ ކުރިއަރަން ފަށާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2022ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 24.3 ބިލިޔަން ރުފިޔާއެވެ. މިއީ 2021ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރެވޭ ޢާމްދަނީ އާ އަޅައިބަލާއިރު %23 އިތުރު އަދަދެކެވެ. 2022ވަނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 6 ބިލިޔަން ރުފިޔާއެވެ. މީގެ އިތުރުން 2.9 ބިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
2022ވަނަ އަހަރުގެ ބަޖެޓު ފައިނޭންސްކުރުމަށް ޖުމްލަ 13.4 ބިލިޔަން ރުފިޔާ ހޯދަންޖެހެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިޔަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިޔަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފަރ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިޔަން ރުފިޔާއެވެ.
2022ވަނަ އަހަރު ހޯދަންޖެހޭ ފައިނޭންސިންގ ގެ ތެރެއިން 7.5 ބިލިޔަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިޔަން ރުފިޔާ ހޯދުމަށް ވަނީ ރޭވިފައިއެވެ. 2022ވަނަ އަހަރު ރާއްޖެއިން ބޭރުގެ ފަރާތްތަކުން ލިބޭނެކަމަށް އަންދާޒާކުރާ ފައިނޭންސިންގ އަށް ބަލާއިރު، 200 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ސެކިއުރިޓީއެއް ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށްވަނީ ރާވާފައެވެ. އަދި 50 މިލިޔަން އެމެރިކާ ޑޮލަރު އިނޮވެޓިވް ފައިނޭންސިންގ އިންސްޓްރޫމަންޓެއް މެދުވެރިކޮށް ހޯދުމަށްވެސް ވާނީ ހިމަނާފައެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކާއި، ސަރުކާރުގެ ވައުދުތައް ފުރިހަމަކުރުމަށާއި، ދައުލަތުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެފިޝަންޓްކުރުމަށާއި ފެންވަރު ރަނގަޅުކުރުމަށް ސިޔާސަތު ރޭވިފައިވާ ބަޖެޓެއްކަމަށެވެ. މި ބަޖެޓުގައި މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް އިޤްތިސާދީ އަމާޒުތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ރޭވިފައިވާނެކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށް އިސްކަންދީފައިވާނެކަމަށެވެ. އަދި ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު، ކޯވިޑް-19ގެ އަޑިގަޑުން އަރައިގަނެ، އަލުން ހަލުވިކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިކުރުމަށް ސިޔާސަތު ތަރުތީބުކުރެވިފައިވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.