ޚަބަރު

ބަޖެޓް ބަހުސް އަންނަ މަހުގެ 8ގައި


އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ބަހުސް މަރުހަލާ އަންނަ މަހުގެ 8ވަނަ ދުވަހު ފަށުމަށް ތާވަލުކޮށްފިއެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ. ބަޖެޓް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު މަޖިލީހުގެ ރިޔާސަތުން ވަނީ ބަޖެޓުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާނެގޮތް ޙިއްސާ ކުރައްވާފައެވެ.

ބަޖެޓުގެ ކޮމިޓީ މަރުޙަލާގެ މަސައްކަތް މިއަދު ފަށާއިރު، ބަޖެޓް ދިރާސާ ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މަޖިލީހުގެ ތަޅުމުގައި ބަޖެޓުގެ ބަހުސް ފެށުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 8ވަނަ ދުވުހުއެވެ. އަދި ކޮމެޓީން ބަޖެޓު ދިރާސާކޮށް، އަންނަ މަހުގެ 18ވަނަ ދުވަހު ތަޅުމަށް ހުށަހެޅުމަށް ވަނީ މުއްދަތު ކަނޑައަޅާފައެވެ. ކޮމެޓީ ރިޕޯޓަށް 22ވަނަ ދުވަހު ބަހުސް ފަށައި ޑިސެމްބަރުގެ ކުރިން ބަޖެޓް މަޖިލީހުން ފާސް ކުރުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ.

2022ވަނަ އަހަރު ޖުމުލަ ޢާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 24.3 ބިލިއަން ރުފިޔާއެވެ. މިއީ 2021ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރެވޭ ޢާމްދަނީ އާ އަޅައިބަލާއިރު %23 އިތުރު އަދަދެކެވެ. 2022ވަނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 6 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން 2.9 ބިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކާއި، ސަރުކާރުގެ ވައުދުތައް ފުރިހަމަކުރުމަށާއި، ދައުލަތުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެފިޝަންޓްކުރުމަށާއި ފެންވަރު ރަނގަޅުކުރުމަށް ސިޔާސަތު ރޭވިފައިވާ ބަޖެޓެއްކަމަށެވެ.