ޚަބަރު

ކޯސްޓްގާޑުގެ އެހީއާއެކު "އަލްމާ ބޯޓު" މާމެންދުއަށް ވައްދައިފި


ކަނޑު ގަދަވުމާއި ގުޅިގެން ހުވަދޫ ކަނޑުން ހާލުގައި ޖެހުނު "އަލްމާ" ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަމާއެކު މާމެންދޫ ބަނދަރަށް ވައްދައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލެއިން ފުރައިގެން އައްޑު އަތޮޅަށް ދަތުރުކުރި "އަލްމާ" ނަމަކަށް ކިޔާ ބޯޓު، ކަނޑު ގަދަވެ ދަތުރުނުކުރެވުމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރުކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ.

މި ބޯޓު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ސަލާމަތްތެރިކަމާއެކު ރޭ 21:30 ހާއިރު ގއ.މާމެންދޫ ބަނދަރަށް ވައްދާފައެވެ. ގއ.އެކެފަރުގެ އުތުރުން 8 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ މި ބޯޓުގައި ފަސް ދިވެހިންނާއި ތިން ބިދޭސީން ދަތުރުކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.