ޚަބަރު

އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން: އަސްލަމް


ރާއްޖޭގެ ކުދި ރަށްތަކުގައި ކުޑަ އާބާދީތަކާއެކު ދިރިއުޅޭ ރައްޔިތުން އެއްރަށުން އަނެއްރަށަށް ބަދަލު ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަޒީރާއި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކުޑަ އާބާދީތަކުގައި ތިބި ރައްޔިތުން އެހެން ރަށްތަކަށް ބަދަލު ކުރުމުމުގެ ވިސްނުން ގެންގުޅުއްވަންތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިސަރުކާރުން އެއްވެސް ރަށެއްގެ ރައްޔިތުން އެއްރަށުން އަނެއް ރަށަށް ބަދަލު ކުރުމުގެ ވިސްނުމެއް ނުގެން ގުޅޭކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ކުދި ތަކުގައި ދިރިއުޅޭ ރަށްޔިތުންނަށްވެސް ބޭނުންވާ އަސާސީ ޚިދުމަތްތަކައި ވަސީލަތްތަކާއި، އާމްދަނީ ހޯދޭނެ ގޮތް ފަހި ކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމަކީ ސަރުކާރުގެ ވައުދެއްކަމަށެވެ. މީގެ ތެރެއިން މިހާރު މަސައްކަތް ހަވާލު ނުވެ ވަނީ މަދު ރަށެއްކަން މިނިސްޓަރ އަސްލަމް ވިދަޅުވިއެވެ.

ރާއްޖޭގެ ކުޑަ އަބާދީތަކަކީ އެރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގައި ތިބެގެން ބޮޑެތި މަންފާތަކެއް ލިބޭނެ ވަރުގެ ގުދުރަތީ ވަސީލަތްތަކާއި، ހިތްގައިމު މާހައުލެއް އޮތް ރަށްތަކެއްގެ ގޮތުގައި މިނިސްޓަރ ފަހަގަކުރެއްވިއެވެ. ވަކިވަކި ރަށްތަކުން މިސާލު ނަންގަވަމުން ވިދާޅުވީ އއ.އުކުޅަހާއި، ކ.މާފުއްޓާއި، އަދި އެނޫންވެސް ރަށްތަކަކީ މީގެ ކުރިން މާބޮޑު ކަމެއް އިޤްތިޞާދެއް ނެތް ރަށްތަކެއްގެ ގޮތުގައި ފާހަގަވީނަމަވެސް މިއަދު ފުދުންތެރިކަން އެންމެ ބޮޑު، އަދި އެންމެ ބޮޑު އިޤްތިޞާދެއް އޮތް ރަށްތަކުގެ ގޮތުގައި އެރަށްތައް ފާހަގަވާކަމަށް މިނިސްޓަރ އަސްލަމް ކުރެއްވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުގެ އަމާޒަކީ ކުދި އާބާދީތަކަށްވެސް ވަސީލަތްތައް ފުރިހަމަކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަށް ކަމުގައި މިނިސްޓަރ ވަނީ މިއަދު މަޖިލީހުގައި ވިދާޅުވެފައެވެ.