ޚަބަރު

އެމްއެންޕީގެ މެމްބަރުންނާއެކު ކޮމެޓީތަކަށް ބަދަލުތަކެއް


މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ ހިމެނުމާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ހިމެނުމާއި ގުޅިގެން މަޖިލީހުގެ ބައެއް ދާއިމީ ކޮމެޓީތަކުގައި މެމްބަރުން ހިމެނި ވަޑައިގަންނަވާ ނިސްބަތަށް ގެނައި ބަދަލުތައް މިއަދުގެ ޖަލްސާގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކޮމެޓީތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީ އަދި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގައި އެމްއެންޕީގެ މެމްބަރެއްގެ ގޮތުގައި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ކަނޑައަޅާފައެވެ. މާލިއްޔަތު ކޮމެޓީ އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގައި އެމްއެންޕީގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެމްބަރުން އަބްދުﷲ ރިޔާޒު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ އަށް، މިނިވަން މުވައްސަސާ ކޮމެޓީ އަދި ހިއުމަން ރައިޓްސް ޖެންޑަރ ކޮމެޓީގައި އެމްއެންޕީގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހިމެނުމަށް ވަނީ ނިންމާފައެވެ.

މިބަދަލުތަކާއެކު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް އެމްޑީޕީގެ އިތުރު މެމްބަރަކު ވަނީ ކަނޑައަޅާފައެވެ. އެމްޑީޕީގެ ފަރާތުން ކޮމެޓީއަށް ކަނޑައެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ.

މަޖިލީހުން ވަނީ ކޮމެޓީތަކަށް އައި ބަދަލުތަކާއެކު 34 މެމްބަރުންގެ ވޯޓުން މިބަދަލުތައް މަޖިލީހުން ފާސްކޮށްފައެވެ.