އަތޮޅުތެރޭގެ ރަށްތަކުގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކަކީ އެރަށެއްގެ ރައްޔިތުންގެ ވިސްނުމާއި، އެއްގޮތަށް ހިންގޭ މަޝްރޫޢުތަކެއްކަމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މަގުތައް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން އިތުރު މަގުތަކެއް ހިމެނިދާނެތޯ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ އެރަށެއްގެ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ކުރެވޭނެ މަސައްކަތްތަކެއް ކަމުގައެވެ.
ގިނަ ފަހަރަށް ބަޖެޓްކޮށްގެން ވަކި ގޮތަކަށް މަސައްކަތް ކުރުމަށް ރޭވިފައި ވީނަމަވެސް މަސައްކަތް ފެށި ކުރިއަށްދާ ވަރަކަށް ރައްޔިތުން ހުށަހަޅާ ކަންކަމާއި، ދޭ ޚިޔާލުތަކާއިއެކު ޕްރޮޖެކްޓަށް ބަދަލު ގެނެސް ބަޖެޓު އިތުރުކުރަންޖެހޭނަމަ އެކަން ކޮށްގެންވެސް މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުގެ މަތީން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުގައިވެސް އިތުރު މަގުތަކެއް ހެދުމަށް ރައްޔިތުން ބޭނުންވާނަމަ އެފުރުސަތު ސަރުކާރުން ތަނަވަސް ކޮށްދެއްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެއްވެސް ރަށެއްގައި މަސައްކަތް ކަނޑައަޅައި ކުރިއަށްގެންދާއިރު، އޮތް މިންވަރަކަށް ނޫން މަސައްކަތް ނިމިގެންދަނީ. އަބަދުވެސް އިތުރު ކުރާނެ. ބަޖެޓަށް ބަދަލު ގެނެސްގެންވެސް ރައްޔިތުން ބޭނުންވާ ގޮތަށް އެކަންކަން ވެގެންދަނީ." އަސްލަމް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 18 މަގެއްގައި ތާރު އެޅުމުގެ އިތުރުން ނަރުދަމާގެ މަސައްކަތް ކުރުމަށް ކޮނެފައިވާ މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫގެ ބޮޑުމަގު އަލުން އެއްވަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއަށް 134 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކުރެއެވެ.
މިނޫނަސް އައްޑޫ ސިޓީގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އަންނަނީ ހިގަމުންނެވެ. މިގޮތުން 65 މަޝްރޫއެއްގެ މަސައްކަތް އެ ސިޓީގައި ކުރިއަށް އެބަދެއެވެ. މީގެއިތުރުން އައްޑޫގައި 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.