ޚަބަރު

ބަޖެޓް ކޮމެޓީގެ މުޤައްރިރަކަށް މިފަހަރުވެސް ނާޝިޒް


އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ދިރާސާކުރެވުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ހަމަޖައްސައިފިއެވެ.

ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.

ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ގަވަރުނަރުނަރާއި، އޮޑިޓަރ ޖެނެރަލް ދެކޭ ގޮތް ސާފު ކުރުމަށް ލިޔުމުން ހޯދަން ވަނީ މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައެވެ. އަދި މިލިޔުންތައް ލިބުމަށްފަހު ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލް އާއި ބައްދަލު ކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިވަން މުވައްސަސާތަކުން ބަޖެޓާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް 5 ދުވަސް ތެރޭގައި ހިއްސާ ކުރުމަށް ދަންނަވަން ވަނީ ފާސްކޮށްފައެވެ.

މިބައްދަލުވުމުގައި ވަނީ ބަޖެޓް ކޮމެޓީއަށް ލިބޭ މައުލޫމާތުތަކާއެކު އަންނަ އަހަފްތާގެ ހޯމަ ދުވަހު ކޮމެޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.

މަޖިލީހުގެ ތަޅުމުގައި ބަޖެޓުގެ ބަހުސް ފެށުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވުހުއެވެ. އަދި ކޮމެޓީން ބަޖެޓު ދިރާސާކޮށް، އަންނަ މަހުގެ 18 ވަނަ ދުވަހު ތަޅުމަށް ހުށަހެޅުމަށް ވަނީ މުއްދަތު ކަނޑައަޅާފައެވެ. ކޮމެޓީ ރިޕޯޓަށް 22 ވަނަ ދުވަހު ބަހުސް ފަށައި ޑިސެމްބަރުގެ ކުރިން ބަޖެޓް މަޖިލީހުން ފާސް ކުރުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ.