ޚަބަރު

އުލިގަމަކީ ރައްޔިތުން އުޅޭ ރަށެއްކަމަށް ގަބޫލުކުރީވެސް މިސަރުކާރުން: ސަލީމް


ހއ.އުލިގަމަކީ ރައްޔިތުން އުޅޭ ރަށެއްކަން ގަބޫލުކޮށް، ރައްޔިތުންނަށް ބޮޑެތި ތަރައްޤީ ގެނެސްދެއްވީ މިސަރުކާރު ވެރިކަމަށް އައުމަށްފަހުގައިކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ޤަރާރުގެ ބަހުސްގެ މަރުހަލާގައި އޭނާ ވިދާޅުވީ، މިޤަރާރުގެ އެންމެ ބޮޑު ބޭނުމަކީ އުލިގަމު ހިމެނޭހެން އެސަރަހައްދަށް އިޤްތިޞާދީ ކުރިއެރުން ގެނައުންކަމަށެވެ.

ސަލީމް ވިދާޅުވީ އުލިގަމަކީ މިދިޔަ ސަރުކާރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި އޮތް ރަށަކަށް ވީނަމަވެސް މިސަރުކާރުން އެރަށަކީވެސް ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ގަބޫލުކޮށް ގިނަ ޚިދުމަތްތަކެއް ދެމުންދާކަމަށެވެ. އެގޮތުން އުލިގަމަށް ޒިޔާރަތްކުރާ ޔޮޓްތަކުން ނަގާ ފީ ކުޑަކުރުން ޤާނޫނަށް އިސްލާހު ގެނެސް މިއަދު ގިނަ އަދަދެއްގެ ޔޮޓް އުލިގަމަށް ޒިޔާރަތްކޮށް ބޮޑު އާމްދަނީ އެއް ލިބޭނެ މަގު ތަނަވަސް ކޮށްދިނީވެސް މިސަރުކާރުން ކަމަށް ސަލީމް ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގައިވާ އެކިއެކި ރަށްތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް މުތުގެ ގޮތުގައި އަޅުގަނޑު އަބަދުވެސް ސިފަ ކުރަނީ ހއ.އުލިގަމް. މިސަރުކާރުން އުލިގަމުގެ މުހިންމުކަން ބަލައިގަތީ. އުލިގަމުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، އުލިގަމަކީވއެސް ދިވެހި ރައްޔިތުން އުޅޭ ރައްށެއްކަން ބަލައިގަތް ފުރަތަމަ ސަރުކާރަކީވެސް މިސަރުކާރު." ސަލީމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ހުޅަނގާއި އިރުން މުދާހިފައިގެން ދަތުރުކުރާ އާގުބޯޑުފަހަރު ނުވަތަ އިންސަންޓް ޕެކެޖުގެ މަގުތަކެއް އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ، ކާގޯ ބޯޓުފަހަރު ރާއްޖެ ހުރަސްކޮށް ދަތުރުކުރާ މަޝްހޫރު މަގަކަށް ވެފައި އޮތް ހިނދު، މިކަމުން ރާއްޖެއަށް ހޯދެން އޮތް ނަފާ ހޯދާ ލިބިގަތުމަކީ، މި ސަރަޙައްދުގެ އެހެން ގައުމު ތަކެކޭ ރާއްޖެއަށްވެސް އަމާޒު ހިފިދާނެ އައު ސިނާޢަތެއްކަން ސަލީމް ހުށަހެޅުއްވި ޤަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ފަޅުވެރިން ބަދަލުކޮށް އެމީހުން ފުރުވާލުމާއި ގެނައުމާއި ސަޕްލައި ފޯރުކޮށްދިނުމާއި ސެކިއުރިޓީ ޚިދުމަތަކީ ދިވެހިންނަށް އަމިއްލަ މަސައްކަތަކުން ފެށިދާނޭ ކަމެއްކަމަށާއި، އޭގެ އިގްތިސާދީ މަންފާ ރަށްރަށުގެ ރައްޔިތުންނަށް މިހިނދުން މިހިނދަށްވެސް ގެނެވިދާނޭ ކަމެއްކަން ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކުރީ މިއަހަރުގެ ކުރީ ކޮޅުއެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައެވެ. އިކޮނަމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ޤާއިމްކުރުމަށް ރާވާފައިވާކަމަށެވެ. އަދި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ޤާއިމްކުރުމަށް އަމާޒު ހިފާފައިވާކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.