ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތު ކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ ލޯން ސްކީމް"އަށް އެދި 200އަށްވުރެ ގިނަ މީހުން ހުށައަޅައިފިއެވެ. މިލޯނަކީ %6 އިންޓްރަސްޓް ރޭޓާއެކު ދޫކުރާ ލޯނެކެވެ.
ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތު ކުރުމަށް "ގެދޮރުވެރިޔާ ލޯން ސްކީމް" އިފްތިތާޙްކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ 14ވަނަ ދުވަހުގައެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުން އެމީހަކު ދިރިއުޅޭ ރަށެއްގައި ވަޒަންވެރިވެ ދިރިއުޅޭވެނެ ގޮތް ހައްދަވައިދެއްވުމަށް ސަރުކަރުން ތަޢާރަފްކުރައްވާފައިވާ ލޯނު ސްކީމްއެކެވެ.
ޕީއެސްއެމް ނިއުސްގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވިދާޅުވީ މިލޯނަކީ މިހާރު ލިބެން ހުރި ލޯންތަކާ އަޅާބަލާއިރު 2 ބައިކުޅަ އެއްބައި ކުޑަ ޢަދަދެއްކަމަށެވެ. މިނިސްޓަރ ވިދަޅުވީ ސަރުކަރުގެ އަމާޒަކީ މި ލޯން ސްކީމް ހުއްޓުމެއްނެތި ކުރިއަށް ގެންދާކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ގެދޮރަށް ބޭނުންވެފައިވާ ހުރިހާ ރަށެއްގައި ގެދޮރު އަޅާފައި ދިނުން ނޫންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރުވެސް އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން ގެދޮރު ބޭނުންވާ ރަށްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި 50 ރަށެއްގައި ގެދޮރަށް ބޭނުންވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.
"ރަށްރަށް ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުން މިދަނީ. ރަށްރަސުގައި އަޅާނީ ހުސް އެއްވައްތަރެއްގެ ހައުސިންއެއް ނޫން. ޖާގަ ހުރިވަރަކަށް ގެދޮރު އަޅާދޭނީ . ބިމުގެ ދަތިކަން ހުރި ރަށްރަށުގައި ފްލެޓް އަޅާނީ." މިނިސްޓަރ އަޞްލަމް ވިދާޅުވިއެވެ.
"ގެދޮރުވެރިޔާ ލޯން ސްކީމް"ގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނީ މަޝްރޫޢުގެ ޖުމުލަ ޢަދަދުގެ %80އަށްވާ ފައިސާއެވެ. އަދި ބާކީ %20އަކީ ލޯނުނަގާ ފަރާތުގެ ހިއްސާއެވެ. އެ %20އަކީ މަޝްރޫޢަށް ކޮށްފައިވާ ޚަރަދާއި ގަނެފައިވާ ތަކެތި ނުވަތަ ގޯތީގައި ބޭނުންކުރާ ޢިމާރާތް އަދި ހުސް ބިމެއް ނަމަ، އެ ބިމުގެ ގޮތުގައި ވެސް އަގުކުރެވިދާނެއެވެ. މި ސްކީމްގެ ދަށުން ގިނަވެގެން ނެގޭނީ 7 ލައްކަ ރުފިޔާއެވެ. އަދި 15 އަހަރާއި 20 އަހަރުގެ މުއްދަތެއް ލޯނު އަނބުރާ ދެއްކުމަށް ދީފައިވެއެވެ. ލޯނުގެ މޯގޭޖަކަށް ނަގާނީ އިމާރާތް ކުރެވޭ ތަން އެކަންޏެވެ. އިމާރާތް ކުރުމަށްދޭ ގްރޭސް ޕީރިއަޑަކީ 12 މަހާއި 15 މަހެވެ. އަދި މިލޯނަށް އެދެވޭނީ މަދުވެގެން ދެ ފަރާތް ހިމަނައިގެންނެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ އާއި އެޗް.ޑީ.އެފް.ސީއާ ގުޅިގެން ހިންގާ މި ސްކީމްގައި ލޯނަށް އެދޭ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮންނަން ޖެހެއެވެ. އަދި ބިން ރަޖިސްޓްރީ ކޮށްފައިވާ ރަށުގެ ރަށްވެއްސެއް ކަމުގައިވުމާއި ރަށްވެހިވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅޭތާ ތިން އަހަރުވެސް ވާންޖެހެއެވެ. ލޯނު ދިނުމުގައި އިސްކަންދެނީ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކާއި އެކަނި ދަރިން ގޮވައިގެން އުޅޭ ފަރާތްތަކަށެވެ.
މި ލޯން ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗްޑީއެފްސީންނެވެ. އެހެންނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.