ޚަބަރު

ނަޞްރުގެ ދުވަހުގެ ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަން: ރައީސް


ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމާއި އަމިއްލަ އެދުން އެއްފަރާތްކޮށް ޤައުމަށް އިސްކަން ދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަޚްރުވެރި ނަސްރުގެ ދުވަހުގެ މުނާސަބަތާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިތާބުގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ފަޚުރުވެރިކަމާއެކު ނަޞްރުގެ ދުވަހެއް ފާހަގަކުރަމުންދަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށްމަތިވެރި ޤުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުން ކަމުގައެވެ.

ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން އުފާވެރި މުނާސަބަތަކީ ދިވެހި ރައްޔިތުންނާއި، ސިފައިންވީ ގުރުބާނީއެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ޞުލްޙަވެރިކަމާއި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމާއެކު، ޖަޒީރާތަކުގައި ދިރިއުޅެމުން އައި ދިވެހިންނަށް، 1988 ނޮވެންބަރު ތިންވަނަ ދުވަސްވީ، ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރެއަށް ހޭލެވުނު ދުވަހެއް ކަމުގައި. އެދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ، ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެއް. އެހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ޚަބަރުތައް، ޤައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެއް. ދެންވާނެ ގޮތަކާމެދު ހުރިހާ ރައްޔިތުންވެސް ނުހަނު ކަންބޮޑުވެ ހާސްވެފައި ތިބި ވަގުތެއް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން ކަމަށެވެ. އަދި ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ޤުރުބާނީއާއި، އެ ދުވަހު ބައިނަލްއަޤްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރުކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ އެހީތެރިކަމާއި ހަމައަށްވެސް ދިވެހި ރައްޔިތުން އެ ދުވަހުވެސް އުއްމީދު ކަނޑައެއްނުލާކަމަށާއި، ދިވެހި ޢަސްކަރިއްޔާއަށް އޮތް އިތުބާރު ދެމެހެއްޓި، ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިން ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަމާއި، އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަމުގެ މުހިންމުކަން ކަމުގައި ރައީސް ވިދާޅުވިއެވެ. ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުން ކަމަށާއި، ނަމަވެސް ރައްޔިތުން، އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަޞްރު ލިބޭނެކަން ކަށަވަރު ކަމަށެވެ. އަދި އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހޭކަމަށާއި، ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ޤައުމީ ބަޠަލުން އެ ސާބިތުކޮށްދެއްވީ އެގުރުބާނީކަމަށް ރައީސް ވިދާޅުވިއެވެ.