މުޖުތަމައުގެ ތެރޭގައި ދިރިއުޅޭ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރިހަމަ އަޅާލުމާއި އުފާވެރިކަން ލިއްބައި ނުދެވޭ މުޖުތަމައަކީ ވަރަށް ބަދުނަސީބު، އަބާއްޖަވެރި މުޖުތަމައެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ލޯފަން ކުދިންގެ ޖަމްޢިއްޔާ، ބްލައިންޑް އެންޑް ވިޜުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން މާލޭގައި ކުރިއަށް ގެންދިޔަ އެ ސޮސައިޓީގެ އަހަރީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ މުޖުތަމައެއްގެ ބަދަހިކަމާއި އުފާވެރިކަމާއި، ދުޅަހެޔޮކަން ވަޒަން ކުރުމުގެ އެންމެ މުހިންމު މިންގަނޑަކީ އެމުޖުތަމައެއްގައި ދިރިއުޅޭ އެހެން އަފްރާދުންނާ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ މުޖުތަމައަކުން ލިއްބައިދޭ އެހީތެރިކަމާއި އޯގާވެރިކަމާއި އުފާވެރިކަން ކަމަށެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޔޫތް މިނިސްޓްރީއާ ގުޅިގެން ލޯފަން ކުދިންގެ ޖަމްއިއްޔާއިން ކުރިއަށް ގެންދިޔަ ކޭމްޕަކީ އެތަށް އަޚުންނަކާއި، އުޚްތުންނެއްގެ ހިތަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
"އަޅުގަނޑު ހިތުން، މި ކޭމްޕުން ލިބުނު ތަޖުރިބާގެ ބޭނުން ކޮށްގެން މިފަދަ ގިނަ ކޭމްޕްތަކާ ދިމާއަށް ދަރުތު ކުރަންޖެހޭ. ނުކުޅެދުންތެރިކަން ހުރި އެހެން ކުދިންގެ ޙާލަތާމެދު ވިސްނައި އެކުދިންނަށްޓަކައި ވިސްނައި މުޖުތަމަޢާ ސަރުކާރާ އަދި ޚާއްސަކޮށް ޖަމްއިއްޔާތައް ގުޅިގެން ކޮށްދޭނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން ރަނގަޅަށް އޮގަނައިޒް ކުރަންޖެހޭ" ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހުރިހާ މިނިސްޓްރީ ތަކުން އަދި ދައުލަތުގެ ހުރިހާ މުއްސަސާތަކުން މިކަމާ އަޅާލުމަށް ވަރަށް ބޮޑު ސަމާލުކަމެއް ލޯފަން ކުދިންގެ ޖަމްޢިއްޔާގެ ފަރާތުން ގެނެސްދެވިދާނެ ކަމަށެވެ. އަދި ހަފްތާއެއްގެ ނިޔަލަށް ހިންގި ކޭމްޕުގެ ސަބަބުން އެކަމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދިންކަން މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ތަފާތު ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިންނަށް އަޅާލާނެ ގާބިލްކަމާއި ފުދުންތެރިކަން އެބަހުރި ކަމަށާއި ބޭނުން ވަނީ އެކަންކަން ރަނގަޅަށް ތަރުތީބުކޮށްގެން ހިންގުން ކަމަށެވެ. އަދި އެކުދިންނަށް ޓަކައި ދޭންޖެހޭ ފުރިހަމަ ތައުލީމާއި ތަމްރީނާ ހުނަރު ދީގެން، މުޖުތަމުގަ ބޭނުންހިފޭނެ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޢިމްރާން ވަނީ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ވެބްސައިޓް ލޯންޗްކޮށްދެއްވުމުގެ އިތުރުން އެޖަމްއިއްޔާގެ މަދަހަ އަލްބަމްވެސް ނެރެދެއްވާފައެވެ.