ޚަބަރު

މިހާރު ބޭނުންކުރާ ހަކަތައިގެ ބޮޑު ނިސްބަތަކީ ގުދުރަތީ ގޮތުން އުފެދޭ ހަކަތަ: ޝާހިދު


ދުނިޔޭގައި ބޭނުންކުރާ ހަކަތައިގެ ބޮޑު ނިސްބަތެއް އޮތީ ގުދުރަތީ ގޮތުން އުފެދޭ ހަކަތައަށް ބަދަލުވެފައިކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ މިއީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތައް އެއްވެގެން ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުން ހާސިލްކުރެވިފައިވާ ކާމިޔާބީއެއްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ 1987 ވަނަ އަހަރުން ފެށިގެން ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ލިބިދާނެ ގެއްލުންތަކާ ގުޅޭގޮތުން ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން އަންނަކަމަށެވެ.

ރާޢްޖެއަކީ ކުދި ޖަޒީރާ ޤައުމުތައް އެއް ގަލަކަށް ގެނެސް އެއްބައެއްގެ ގޮތުގައި އުފެއްދި ޤައުމުކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެމަސައްކަތް ކުރަމުން އައިސްފައިވަނީ މިފަދަ މައްސަލަތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމަތަކަށް ވާތީ ކަމަށެވެ. އަދި މިހާރު މިކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

މިގޮތުން ކޮޕް26 ސަމިޓްގެ ސަބަބުން ހާސިލްކުރަން ބޭނުންވާ ބައެއްކަންކަން ހާސިލްވާނެކަމަށާއި މިހާރުވެސް ދުނިޔޭގެ ޖަންގަލިތައް ނައްތާލުމުގައި އަމަލުކުރަމުންދާ ގޮތް ހުއްޓަލުމަށް އެކި ޤައުމުތަކުން އެއްބަސްވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"ޤައުމުތަކަށް ބޭނުންވާ ފައިސާ އަކީ ތިމާވެށީގެ ރޮނގުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ފައިސާ. 2023 ގެ ވަނަ އަހަރާ ހަމަޔަށް 100 ބިލިޔަން ހަމަވާނެ މަގެއް ހޯދޭނެކަމަށް އިނގިރޭސި ވިލާތުން ވަނީ އިޢުލާންކޮށްފައި. މިއީ ކެނަޑާއާއި ޖަރުމަނު ވިލާތުން ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން." އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޤައުމުތައް ގުޅިގެން ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުން ނުކުންނަ ނަތީޖާއަކީ ހަމައެކަނި ރާއްޖެއަށް އެކަނި ފައިދާވާ ކަންތައް ނޫންކަމަށާއި މިއީ މުޅި ދުނިޔެއަށްވެސް އެކަމުގެ ސަބަބުން ފައިދާވާނެކަންކަން ޝާހިދު ފާގަކުރެއްވިއެވެ. އަދި 1.5 ޑިގްރީއަށް ދުނިޔެ ހޫނުނުވާނެ ގޮތަށް އެއްމެން އެއްބަސް ލވާން ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ރާއްޖެއިން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކުރިން ނުކުރާ މަސައްކަތްތައް ކުރަމުން އަންނަކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.