ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރި އޭޕްރަންގެ މަސައްކަތްތައް ނިންމައި އެތަން އެއްކޮށް ބޭނުންކުރަން ފަށައިފިއެވެ. މި އޭޕްރަންގައި ފްލައިޓް ޕާކްކޮށް ޓެސްޓުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ވެސްޓް އޭޕްރަން ހުޅުވުމުގެ ގޮތުން މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިންއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓް Q2707 އަށެވެ. ބޯޓަށް މަރުހަބާކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް ވަނީ ދީފައެވެ.
އޭޕްރަން ހުޅުވުމުގެ ގޮތުން ބޭއްވި އިވެންޓަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމަުން އެމްއޭސީއެލްގެ ސީއީއޯ ގޯރޑޮން އެންޑުރޫ ސްޓެވަރޓް ވިދާޅުވީ ވެސްޓް އޭޕްރަން ހުޅުވުމާއެކު ކުރިއަށްވުރެ އަވަހަށް ރައްކާތެރިކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށެވެ. މިއޭޕްރަން ޑޮމެސްޓިކް ޓާރމިނަލްއާ ކައިރިވުމުން، މީގެފަހުން ފަސިންޖަރުން އުފުލުމުގައި ބަހުގެ ބޭނުމެއް ނުޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި އެޕްރާންގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އެންމެ ތިޔާގި ދުވަސްވަރު ކަމަށްވާތީ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި އިތުރު މުވައްޒަފުންނާއި ވަސީލަތްތައް ހޯދަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އޭޕަރަންއަކީ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤުވާމީ ފްލައިޓްތަކަށްވެސް ޕާކް ކުރެވޭނެގޮތަށް ހަދާފައިވާ އޭޕަރަންއެކެވެ. މިތަނުގައި ޖުމުލަ 9 އެއަރކްރާފްޓްއަކަށް ޕާކްކުރެވޭނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. މިގެ އިތުރުން މިހާރު ތަރައްޤީކޮސްފައިވާ އޭޕްރަންގައި އެކިކަންކަން އަންގައިދޭ މުހިއްމު ނިޝާންތަކެއްވެސް ވަނީ ކުރުހާފައެވެ. މިއީ އެ ސަރަޙައްދުގައި ސަލާމަތީގޮތުން އަޅާފައިވާ ފިޔަވަޅެއްކަމަށް އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ތަރައްޤީ ކުރާ އޭޕްރަންތަކުގައި ފްލައިޓްތަކަށް ތެޔޮ އެޅުމަށް ފިއުލް ބައުޒަރާނުލާއި، ފިއުލް ހައިޑްރަންޓް ނެޓްވޯކް އަޅައިގެން ބޯޓަށް ހޮޅިއެއް ބޭނުންކޮށްގެން ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖައްސާފައި ހުރެއެވެ.