ފަޤީރު ހާލަތުގައި ދިރިއުޅޭ ގޭބިސީތަކުން ބޭނުންކުރާ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ބިލު ދެއްކުމަށް އަންނަ އަހަރު ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ފަޤީރުންގެ ލިސްޓުގައި މިވަގުތު 8000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިތިބިއިރު އެފަދަ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.
އެގޮތުން ފަގީރު ހާލަތުގައި ދިރިއުޅޭ ގޭބިސީތަކުން ބޭނުންކުރާ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ބިލުދެއްކުމުގައި އެހީތެރިވުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ޕްރޮގްރާމްއެކެވެ. މީގެ ސަބަބުން އެފަދަ ގޭބިސީތަކުގެ މެންބަރުންނަށް އަސާސީ ޚިދުމަތެއް ކަމުގައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ހޯދުމަށް ފައިސާ ދެއްކުމުގައި މިހާރު ދިމާވާ ދަތިތަކަށް އެކަށީގެންވާ ހައްލެއް ލިބިގެން ދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އެހެންކަމުން 2022 ވަނަ އަހަރަށް ދަޢުލަތުން ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވަނީ ފަގީރު ހާލަތުގައި ދިރިއުޅޭ ގޭބިސީތަކުން ބޭނުންކުރާ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ބިލުދެއްކުމުގައި ދައުލަތުން އެހީތެރިވެދިނުމަށްޓަކައި ސަބްސިޑީ ދޭން ފެށުމުގެ ގޮތުން، 2 މިލިއަން ރުފިޔާ ހިމަނާފައެވެ.
ސަރުކާރުން އަންނަނީ ރައްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ބޭސްފަރުވާއިން ފެށިގެން ގޮސް ކިޔެވުމާއި އެންމެ އަސާސީ ޚިދުމަތްތައް އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަންނަނީ ފޯރުކޮށްދެމުންނެވެ.
ކޮންމެ ރަށަކަށްވެސް ބޭނުންވާ އަސީސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނައިރު އަންނަ އަހަރު ފެނާއި ނަރުދާމާ ޤާއިމުކުރުމުގެ މަސައްކަތް ނުފެށިވާ ހުރިހާ ރަށެއްގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. މިގޮތުން މަސައްކަތަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 954 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ބަޖެޓުގައި ވަނީ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށް 131.1 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މީގެތެރެއިން ހިންގަމުންދާ 26 މަޝްރޫޢުއަށް 77.9 މިލިއަން ކަނޑައަޅާފައިވެއެވެ.
މީގެތެރޭގައި އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓާއި ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން އެކި ރަށްތަކުގައި ކުރިއަށްގެންދާ އައިލެންޑްސް ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓާއި އޮފިޑު ލޯނުން އެކި ރަށްތަކުގައި ކުރިއަށްގެންދާ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓު 34 ރަށުގައި ކުރިއަށްގެންދިއުން ހިމެނެއެވެ.